ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލެ 2 ގައި ކުރިއަށްދާ އާ ޓަވަރު މަޝްރޫޢުގެ ދަށުން ވިޔަފާރި ކުރުމަށް ޖާގަތަކެއް ކުއްޔަށް ދޫކުރުމަށް ހުޅުވާލައިފިއެވެ.
މި ފުރުސަތުގެ ދަށުން ފަސް ތަފާތު ވިޔަފާރި ޖާގަ ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އެފްޑީސީން މަޢުލޫމާތު ދީފައިވާ ގޮތުގައި މި ފަހަރު ކުއްޔަށް ދޫކުރަން ހުޅުވާލާފައިވާ ޖާގަތަކަކީ ބަކާލާ ފިހާރަތަކާއި އެހެނިހެން ވިޔަފާރިތަކަށް އަމާޒުކޮށްފައިވާ ތަންތަނެވެ.
އެހެންކަމުން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 18 ވަނަ ދުވަހުގެ ކުރިން ހުށަހެޅުންތައް ހުށަހަޅަންޖެހޭނެކަަމަށް އެފްޑީސީން މައުލޫމާތުދެއެވެ.
ކުއްޔަށް ދޫކުރުމަށް ހުޅުވާލާފައިވާ ޖާގަތަކުގެ ތަފްސީލު ހާމަކޮށް އެފްޑީސީން ބުނީ މީގެ ތެރޭގައި އަމާން އުދަރެސް 13 އަދި 14 ގެ އިތުރުން އުދަރެސް 16 ގެ ޓަވަރުތަކުން ތަފާތު ބޮޑުމިނުގެ ޖާގަތައް ހިމެނޭ ކަމަށެވެ. މި ޖާގަތަކުގެ ބޮޑުމިން 161 އަކަފޫޓުން ފެށިގެން 6،788 އަކަފޫޓާ ހަމައަށް ހުރިކަން ފާހަގަކުރެވެއެވެ.
އެފްޑީސީން އިތުރަށް ބުނެފައިވަނީ މި ފުރުސަތު އަމާޒުކޮށްފައިވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކަމަށާއި، އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް އިސްކަންދޭނެ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން އިމާރާތްކުރެވޭ 32 ޓަވަރުގެ ތިރީ ބައިގައި ވިޔަފާރިތަކަށް ޚާއްޞަ ޖާގަތައް ހިމެނޭކަން ވެސް އެފްޑީސީން ފާހަގަކޮށްފައިވެއެވެ.



