ގައުމީ އެއާލައިން މޯލްޑިވިއަންއިން އަލަށް ގެނައި ވައިޑް-ބޮޑީ މަތިންދާބޯޓުން ޗައިނާގެ ވެރިރަށް ބެއިޖިންއަށް ދަތުރުތައް ފަށައިފިއެވެ.
މި މަހުގެ 6 ވަނަ ދުވަހު ރާއްޖެއަށް ގެނެވުނު މި ބޯޓުން މިއީ ބޭރު ޤައުމަކަށް ކުރި ދެވަނަ ދަތުރެވެ. މީގެ ކުރިން މިބޯޓުން ދަތުރުކޮށްފައިވަނީ ޗައިނާގެ ޗެންގްޑޫއަށެވެ.
މިބޯޓުން ޗައިނާގެ ތިން ސިޓީއަކަށް ދަތުރުތައް ހަމަޖެހިފައިވާއިރު، އެއީ ޗެންގްޑޫއާއި ބެއިޖިންގގެ އިތުރުން ޝެންހާއީއެވެ. ޝެންހާއީއަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހުއެވެ.
ފާއިތުވި އަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި ޤައުމަކީ ޗައިނާއެވެ. އޭރު 250،000 ފަތުރުވެރިން ޗައިނާއިން ރާއްޖެއަށް އައިއެވެ. މި އަހަރުގެ މިހާތަނަށް ވެސް 15،891 ފަތުރުވެރިން ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
މޯލްޑިވިއަންގެ ޚިދުމަތް ފުޅާކުރުމަށް މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އިތުރު ވައިޑް-ބޮޑީ މަތިންދާބޯޓެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.
މި ބަދަލުތަކާ ގުޅިގެން އަހަރަކު 60،000 ފަސިންޖަރުން ރާއްޖެއަށް ގެނެވޭނެ ކަމަށް އެ އެއާލައިނުން ބުނެފައިވެއެވެ. އައު ވައިޑް-ބޮޑީ މަތިންދާބޯޓު ތިން ގިންތިއެއްގެ ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެއެވެ. އެއީ އިކޮނޮމީ، ވިޔަފާރި އަދި ޕްރީމިއަމް ގިންތިއެވެ. މި އޮޑީގައި 264 މީހުންނަށް ޖާގަ ލިބެއެވެ.



