މާދަމާއިން ފެށިގެން، މާލެ ސަރަޙައްދުގައި ޤާއިމުކޮށްފައިވާ އިމިގްރޭޝަންގެ ތިން އޮފީހުންވެސް ކޮންމެ ހޮނިހިރު ދުވަހަކު ޕާސްޕޯޓު ދޫކުރުމަށް ނިންމައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަންގެ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ މި ޚިދުމަތް ލިބޭނީ މާލޭގެ ވެލާނާގެ، ހުޅުމާލެ ފޭސް 1 ގެ އުމަރު ޒާހިރު ބިލްޑިންގ އަދި ހުޅުމާލެ ފޭސް 2 ގެ ވިނަރެސް 2 ގައި ހުންނަ އިމިގްރޭޝަންގެ އޮފީސްތަކުން ކަމަށެވެ.
އިމިގްރޭޝަނުން އިތުރަށް ބުނެފައިވާ ގޮތުގައި، ކޮންމެ ހޮނިހިރު ދުވަހަކުވެސް ޕާސްޕޯޓު ދޫކުރުމަށް ނަންބަރު ދޫކުރާނީ ހެނދުނު 9:00 އިން މެންދުރު 12:00 އާ ހަމައަށް ކަމަށެވެ.
އިމިގްރޭޝަންގެ އޮންލައިން ޕޯޓަލް ކަމުގައިވާ ”އިމުގާ“ މެދުވެރިކޮށް، ދުވާލެއްގެ 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.
ކުރިން ހަމައެކަނި މާލެއިން ލިބެމުންދިޔަ ޕާސްޕޯޓުގެ ޚިދުމަތް، މިހާރު ވަނީ ރާއްޖެތެރޭގެ އެކި ސަރަހައްދަށް ލިބޭ ގޮތަށް ހަމަޖައްސާފައެވެ. މިގޮތުން ވިލިމާލެ، ލ. ފޮނަދޫ، ދ. ކުޑަހުވަދޫ އަދި ރ. އުނގޫފާރުން މިހާރު ޕާސްޕޯޓު ހެދުމުގެ ޚިދުމަތް ލިބެއެވެ.



