މިހާރު ގުރަހަތައް އެއް ސަފަކަށް އެތުރިފައިވާ މަންޒަރު ޖެނުއަރީ މަހުގެ ނިޔަލަށް ފެންނަން ހުންނާނެ ކަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ހޭޔަންބޯ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ގުރަހަތަކާއި އެ ގުރަހަތައް އެއްސަފަކަށް އެތުރޭ ގޮތާ ގުޅޭގޮތުން ތަފްސީލީ މަޢުލޫމާތު ދެއްވާ ރައީސް މައުމޫން ވިދާޅުވީ އެގޮތުން އިރުގެ ވަށައިގެން ދުނިޔެފަދަ އެހެން ޕްލެނެޓްތަކެއް ދަތުރުކުރާ ކަމަށެވެ.
އިރުގެ ވަށައިގެން 8 ގުރަހައެއް ދަތުރުކުރާ ކަމަށާއި، މި ގުރަހަތައް ދަތުރުކުރަނީ އެކި ބާރުމިނުގައި އެކި ދުރުމިނުގައި ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. އަދި އާންމުކޮށް މި ގުރަހަތައް އެއް ސަފަކަށް އެތުރެނީ މަދުން ކަމަށާއި، ނަމަވެސް މިހާރު އެ ގުރަހަތައް އެއް ސަފަކަށް އެތުރިފައިވާ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ މި މަންޒަރު އެންމެ ރީތިކޮށް ފެންނާނީ ޖެނުއަރީ 21 އިން 25 އަށް ކަމަށާއި، ނަމަވެސް ޖެނުއަރީ މަސް ނިމެންދެންވެސް ފެންނާނެ ކަމަށެވެ. އަދި މި މަންޒަރު ފެންނާނީ އިރުއޮއްސުމަށްފަހު ދެ ގަޑިއިރު ފަހުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި މަންޒަރު ހަމަލޮލަށް ފެންނައިރު، ތަރިތަކާއި ގުރަހަތައް ވަކިކުރަން އުނދަގޫވެދާނެ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. އަދި ބައެއް ފަލަކީ ޢިލްމުވެރިން ވިދާޅުވާ ގޮތުން ގުރަހަތައް އުޑުގައި ވިދަމުންދާތަން ނުފެންނާނެ ކަމަށާއި، ނަމަވެސް ތަރިތައް ވިދަމުންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން މިއީ ކޮންމެ 100 އަހަރަކުން އެއްފަހަރު ފެންނަ މަންޒަރެއް ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.



