ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅަކީ ރައްޔިތުންނަށް އުފާވެރިކަން ގެނުވި، މުހިއްމު ޚިދުމަތްތަކެއް ފެށިގެންދިޔަ އަދި އުއްމީދުތަކެއް ގެނުވި ތާރީޚީ ދަތުރުފުޅެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝިޔާމް ވިދާޅުވެފައި ވަނީ ރައީސްގެ ރ.އަތޮޅުގެ ދަތުރުފުޅުވެސް ވެގެން މިދިޔައީ އަތޮޅުގެ ލޮބުވެތި ރައްޔިތުންނަށް އުފާވެރިކަން ގެނުވި ރައްޔިތުންނަށް މުހިއްމު ޚިދުމަތްތަކެއް ފެށިގެންދިޔަ އަދި އުއްމީދުތަކެއް ގެނުވި ތާރީޚީ ދަތުރުފުޅަކަށް ކަމަށެވެ.
މީގެއިތުރުން، ވާދަވެރިންނަށް މިއަދު އެންމެ އުނދަގޫވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ރައްޔިތުންނާ ގާތަށް ވަޑައިގަންނަވާ ވަޑައިގަތުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވަކީން ޚާއްސަކޮށް ރަށްރަށުގެ ކަޅުފަހުގައި ރައްޔިތުންނާއެކު ހޭދަކުރައްވާ އަގުހުރި ވަގުތުތަކުގެ ސަބަބުން ވާދަވެރިންނަށް އުނދަގޫވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”ވާދަވެރިންނަށް މިއަދު އެންމެ އުނދަގޫވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ރައްޔިތުންނާ ގާތަށް ވަޑައިގަންނަވާ ވަޑައިގަތުން ވަކިން ޚާއްޞަކޮށް ރަށްރަށުގެ ކަޅުފަހުގައި ރައްޔިތުންނާއެކު ހޭދަކުރައްވާ އަގުހުރި ވަގުތުތަކުގެ ސަބަބުން،“ ޝިޔާމް ވިދާޅުވިއެވެ.
މި ދަތުރުފުޅުގައި ރައީސް ވަނީ ރައްޔިތުންނާ ސީދާ ބައްދަލުކުރައްވައި، އެ ބޭފުޅުންގެ ހާލު ބައްލަވައި، ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯއްދެވުމަށް މަސައްކަތްކުރައްވާފައެވެ. އަދި ސަރުކާރުން ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ކުރިއަށް އޮތް ތަނުގައި އުންމީދުކުރެވޭ ކަންކަމުގެ މަޢުލޫމާތު ވެސް ވަނީ ހިއްސާކުރައްވާފައެވެ.
މީގެ އިތުރުން، ރައީސް ވަނީ ބައެއް ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ފައްޓަވައިދެއްވައި، އަދި ނިމިފައިވާ ބައެއް ޚިދުމަތްތައް އިފްތިތާޙުކޮށްދެއްވާފައެވެ. ޚާއްޞަކޮށް، ރާއްޖޭގެ ހުރިހާ ރަށެއްގައި އޭ.ޓީ.އެމްގެ ޚިދުމަތް ޤާއިމުކުރުމުގެ ގޮތުން، ކައުންސިލްތަކާއި ބީއެމްއެލް އާއިމެދު އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވުނު ރަސްމިއްޔާތުތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނާއިއެކު، ބައެއް ވަޒީރުންނާއި ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.




