މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޓޯކޮށްފައިވާ އެއްގަމު އުޅަނދުތަކުގެ ތެރެއިން ވެރިފަރާތުން ނުގެންގޮސް ހުރި 446 އުޅަނދު ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ނައްތާލާފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ނައްތާލެވުނު އުޅަނދުތަކުގެ ތެރޭގައި ހިމެނެނީ 378 މޮޓޯ ސައިކަލާއި، 40 ކާރު އަދި 28 ބައިސްކަލެވެ.
މި މަސައްކަތަކީ މިދިޔަ އަހަރު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ފަށާފައިވާ މަސައްކަތެކެވެ. އެއީ މާލޭ ސަރަޙައްދުގެ މަގުތަކުގައި ބޭނުން ނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައި ހުރި އުޅަނދުތައް ނަގައި ނައްތާލުމުގެ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ މަގުތަކުގައި ނުދުއްވާ ގިނަ ދުވަސްވެފައިވާ އުޅަނދުތަކުގެ ސަބަބުން މަގުތައް ތޮއްޖެހުން ކުޑަކުރުމާއި، އެކަމާ ގުޅިގެން ހިނގާ އެކްސިޑެންޓްތައް މަދުކުރުމެވެ.



