މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ މިސްކިތްތައް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ޒީނަތްތެރި ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތުގެ ތެރޭގައި ހުޅުމާލޭގެ އަލްސާނީ މިސްކިތުގައި ގަސް އިންދުމާއި، އަޒީޒާ މޫސާ މިސްކިތުގެ މިންބަރު އައުކުރުން ހިމެނެއެވެ. އަދި ހުޅުމާލޭގެ އެންމެ ޤަދީމީ މިސްކިތް ކަމަށްވާ މަސްޖިދުލް އަމާނީ މަރާމާތުކޮށް ސާފުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ކައުންސިލުން ހާމަކޮށްފައިވެއެވެ.
މީގެ އިތުރުން، ފުރުގާން މިސްކިތުގައި ކުރަންޖެހޭ މަރާމާތުތަކާ ގުޅޭގޮތުން މަޝްވަރާކޮށް، އަމިއްލަ ފަރާތަކުން އޭސީ ހަރުކުރުމާއި މިސްކިތް ޒީނަތްތެރިކުރުމަށް ނިންމާފައިވާ ކަމަށް ވެސް ކައުންސިލުން ބުނެފައިވެއެވެ.
ހުޅުމާލޭގެ މަސްޖިދުލް ހައްތާބުގެ ފާޚާނާތައް އައުކޮށް، ވުޟޫކުރާ ސަރަޙައްދު މަރާމާތުކޮށް ނިންމާފައިވާ ކަމަށާއި، މަސްޖިދުލް ތަޤްވާގެ ނަމާދުކުރާ ސަރަޙައްދު ފުޅާކޮށް، އިތުރު ފާޚާނާއެއް އިތުރުކުރުމަށް ނިންމާފައިވާ ކަމަށް ވެސް ކައުންސިލުން މަޢުލޫމާތު ދީފައިވެއެވެ.
މިސްކިތްތަކުގެ މަސައްކަތުގެ އިތުރުން، ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މާލޭގެ މަގުތަކުން ޕެލެޓްތައް ނަގައި، ހިނގާބިނގާވެ އުޅޭ މީހުންނަށް ފަސޭހަކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ކައުންސިލުން ބުނެފައިވެއެވެ. އަދި މަގުމަތީގައި ކުނި ބެހެއްޓުމާ ގުޅޭ މައްސަލަތައް ޙައްލުކުރުމަށް މުނިސިޕަލް ޑިޕާޓްމަންޓުގެ ކޮމިއުނިޓީ އެންގޭޖްމަންޓުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް ކައުންސިލުން ފާހަގަކޮށްފައިވެއެވެ.




