އިމިގްރޭޝަންގެ ޓާސްކު ފޯހުން މާލޭގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ގަވާއިދާ ޚިލާފަށް އުޅުނު ފަސް ބިދޭސީން ހައްޔަރުކޮށްފިއެވެ.
މި ފަސް ބިދޭސީން ހައްޔަރުކޮށްފައިވަނީ އާންމު ސިއްޙަތަށް ނުރައްކާވާ ގޮތަށް، ސާފުތާހިރުކަމެއް ނެތި އުޅެމުންދިޔަ ތަނެއް ބަލައި ފާސްކުރުމަށްފަހުއެވެ.
އިމިގްރޭޝަނުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، މި އޮޕަރޭޝަނަކީ ބިދޭސީން ދިރިއުޅޭ އަދި ވިޔަފާރިކުރާ ތަންތަން ބަލައި ފާސްކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
މީގެ އިތުރުން، އިމިގްރޭޝަނުން ވަނީ މިދިޔަ އަހަރު ބަލައި ފާސްކުރި ތަންތަނުގައި މިހާރު ބިދޭސީން އުޅެނީ ސައްޙަ ވިސާއަކާއެކު، ގަވާއިދާ އެއްގޮތަށްތޯ ބެލުމަށް ވެސް ޚާއްސަ އޮޕަރޭޝަނެއް ފަށާފައެވެ.
ސަރުކާރުން ދަނީ ރާއްޖެއަށް ދިމާވެފައިވާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތުގެ ތެރެއިން އިމިގްރޭޝަނުން ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދައި ފިޔަވަޅު އަޅަމުންދާ ކަމަށް ވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.



