އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް އައްޔަނުކުރާ ތިން ޑިރެކްޓަރުންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުވާލައިފައެވެ.
ބީއެމްއެލްއިން މިއަދު ޢާންމުކުރި އިޢުލާނެއްގައި ހާމަކޮށްފައިވާ ގޮތުން، މި މަޤާމުތަކަށް އެދި ހުށަހެޅޭނީ 30 އަހަރާއި 70 އަހަރާ ދެމެދުގެ މީހުންނަށެވެ.
މި މަސްއޫލިއްޔަތު އުފުލުމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ކިބައިގައި، ބޭންކިންގ ދާއިރާ، މާލީ ޚިދުމަތްތައް، އިންވެސްޓްމަންޓް ވިޔަފާރި އަދި ވަކި ކުންފުންޏަކަށް ދިމާވެދާނެ މާކެޓް ނުވަތަ އެހެނިހެން ނުރައްކާތަކާ ބެހޭ ފުރިހަމަ އަހުލުވެރިކަމާއި ދެނެގަތުން ހުންނަންވާނެއެވެ. އަދި ޤާނޫނީ ގޮތުން ނުވަތަ ޝަރުޢީ ކޯޓަކުން ކުންފުންޏެއްގެ ޑިރެކްޓަރުކަމުގެ މަޤާމު އަދާކުރުން މަނާކުރެވިފައިވާ ފަރާތަކަށް ވުމަކީ ހުއްދަކަމެއް ނޫނެވެ.
މީގެ އިތުރުން، ދަރަނި ސާބިތުވެފައިވާ ނުވަތަ ބަނގުރޫޓުވެފައިވާ ފަރާތްތަކަށް ވެސް މި ފުރުޞަތު ނުލިބޭނެކަން ބީއެމްއެލްއިން ފާހަގަކޮށްފައިވެއެވެ.
އިތުރު ޝަރުޠުތަކުގެ ތެރޭގައި، ވައްކަން، ޚިޔާނާތް، މަކަރާއި ޙީލަތް ނުވަތަ ފައިސާއާ ގުޅުންހުރި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެފައިވާ މީހަކަށް ވެގެން ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ސަރުކާރުގެ މިނިސްޓްރީއެއްގެ އެންމެ އިސްވެރިޔާގެ މަޤާމު ނުވަތަ ކެބިނެޓް މެންބަރުކަމުގެ މަޤާމު ފުރަމުންދާ ފަރާތްތަކަށް ވެސް މި ފުރުޞަތު ނުލިބޭނެކަމަށް ބީއެމްއެލްއިން ހާމަކޮށްފައިވެއެވެ.
މި މަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން ކުރިއަށް އޮތް މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ބޭނުންވާ ލިޔެކިޔުންތަކާއި ފޯމު ހުށަހެޅުމަށް ބީއެމްއެލްއިން އިލްތިމާސްކޮށްފައިވެއެވެ.
ބީއެމްއެލްގެ ބޯޑުގައި މުޅި ޖުމްލަ 11 މެންބަރުން ހިމެނޭއިރު، އޭގެ ތެރެއިން 8 މެންބަރުންނަކީ ސަރުކާރުގެ ފަރާތުން ތަމްސީލުކުރައްވާ ބޭފުޅުންކަން ފާހަގަކުރެވެއެވެ.



