މީޑިއާގެ މިނިވަންކަމަށް އުނިކަމެއް އަންނާނެ އެއްވެސް ކަމަކަށް އެއްބަސްނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުހައްމަދު ނާޒިމް އިއްޔެ ވިދާޅުވެއްޖެއެވެ.
މީޑިއާ އަދި އިންޓަނެޓް ރެގިއުލޭޓްކުރުމާ ގުޅޭ ބިލެއް ހުށަހެޅުމަށް ތައްޔާރުވާކަން ހާމަކުރެއްވުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނާޒިމް ވިދާޅުވީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބެލެހެއްޓުމަކީ އެންމެން ވެސް ބަލައިގަންނަ ކަމެއް ކަމަށާއި އެއީ މީޑިއާގެ މިނިވަންކަން ހަނިކުރުން ނޫން ކަމަށެވެ.
މިހާރު ހުރި މީޑިއާ ރެގިއުލޭޓަރީ އިދާރާތަކުގެ މަސައްކަތް އެކަށީގެންވާ ގޮތަށް ނުހިނގާކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ އެ މުއައްސަސާތައް އިސްލާހުކުރުމަކީ އޭނާގެ މަޤްސަދު ކަމަަށެވެ.
”މީޑިއާތަކުން ބޭނުންވަނީ އެމީހުންގެ ހައްޤުތައް ރައްކާތެރިކޮށްދޭނެ ހަޤީޤީ ބާރުވެރި ފަރާތެއް،“ ނާޒިމް ވިދާޅުވިއެވެ.
ހަމައެއާއިއެކު، ޒުވާނުންގެ މެދުގައި ސޯޝަލް މީޑިއާގެ ބޭނުންކުރުން އިތުރުވެފައިވާއިރު، އެ ޕްލެޓްފޯމްތައް ރެގިއުލޭޓްކުރުމަކީ މުހިންމު ކަމެއް ކަމުގައި ނާޒިމް ވިދާޅުވިއެވެ. ނަމަވެސް، އެއީ މީޑިއާގެ މިނިވަންކަން ހަނިކުރުމެއް ނޫންކަން އޭނާ އިތުރަށް ސާފުކޮށްދެއްވިއެވެ.
ނާޒިމް އިތުރަށް ވިދާޅުވީ، ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެސް ސޯޝަލް މީޑިއާ ރެގިއުލޭޓްކުރުމުގެ މަސައްކަތް ފަށާފައިވާކަމަށާއި އާޓިފިޝަލް އިންޓެލިޖެންސްގެ ބޭނުން މީޑިއާގައި އިތުރުވަމުންދާއިރު، އެންމެންގެ މަސްލަހަތު ހިމާޔަތްކުރެވޭނެ އޮނިގަނޑެއް އޮތުން މުޙިންމު ކަމަށެވެ.



