ޑިމޮކްރެޓިކް ޕާޓީ އޮފް މޯލްޑިވްސްގެ އައު ރައީސްގެ މަގާމަށް މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒު ފަހުމީ ހޮވިއްޖެއެވެ.
އިންތި މިމަގާމަށް ހޮވޮފައި ވަނީ އިތުރު ވޯޓަކާ ނުލައި މި މަޤާމަށް އެހެން އެއްވެސް ފަރާތަކުން ކުރިމަތިނުލުމާ ގުޅިގެންނެވެ.
ޕާޓީގެ ކުރީގެ ރައީސް ހަސަން ލަތީފާއި ނައިބު ރައީސް މުހައްމަދު ޝިފާޒު އެމްޑީޕީއަށް ބަދަލުވުމާ ގުޅިގެން މި ދެ މަޤާމު ހުސްވެފައިވަނިކޮށް، އެޕާޓީން ވަނީ ޕާޓީގެ ރައީސްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ.
އިމްތިގެ އިތުރުން ޕާޓީގެ ނައިބު ރައީސްކަމަށް ހޮވުނީ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދެވެ. މި މަޤާމަށްވެސް ކުރިމަތިލެއްވީ ވަހީދު އެކަނިއެވެ.
މި ދެ މަޤާމަށް އެއް ބޭފުޅަކު ކުރިމަތިލެއްވުމާ ގުޅިގެން، އިތުރު ވޯޓަކަށް ނުގޮސް އިމްތިޔާޒާއި ވަހީދު ހޮވުނު ކަމަށް އިޢުލާންކުރެއްވީ ޕާޓީ ވަގުތީގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ނައިބު ރައީސް ހުސައިން ފިރުޝާނެވެ.



