ކައުންސިލްތަކުގެ މާލީ ބާރުވެރިކަން އިތުރުކުރުމުގެ ގޮތުން 3 ކައުންސިލަކަށް 4 ފަޅުރަށެއް ހަވާލުކޮށްފިއެވެ.
ފަޅުރަށްތައް ކައުންސިލްތަކާ ހަވާލުކުރުމުގެ އައު އުސޫލުގެ ދަށުން މިފަޅުރަށްތައް ކައުންސިލްތަކާއި ހަވާލުކޮށްފައި ވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއާއި، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާ ގުޅިގެންނެވެ.
މި ކަމަށްޓަކައި މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގައި މިއަދު ވާއްވާފައިވާ ރަސްމިއްޔާތެއްގައި ކައުންސިލްތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، މި އެއްބަސްވުމުގެ ދަށުން ވަނީ ދ. އަތޮޅު ކައުންސިލަށް ދ. މިނިމަސްގަލި އާއި ދ. ފެންފުށި، ރ. އިނގުރައިދޫ ކައުންސިލަށް ރ. ނެޔޮ، އަދި ލ. މާވަށު ކައުންސިލަށް ލ. ބޮޑުމާބުޅަލި ހަވާލުކޮށްފައެވެ.
މިއެއްބަސްވުމުގައި ކައުންސިލްތަކުގެ ފަރާތުން ސޮއިކުރެއްވީ ދ. އަތޮޅު ކައުންސިލްގެ ރައީސް އަޙްމަދު ޝާފިޢު، ރ. އިނގުރައިދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޖަލީލް، އަދި ލ. މާވަށު ކައުންސިލްގެ ރައީސް އަޙްމަދު މޫސާ އެވެ. އަދި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު މާޒިންއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު ޢާދަމް ޝަރީފް ޢުމަރު ވިދާޅުވީ މިއީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ރައީސް ގެންގުޅުއްވާ ދުރު ވިސްނުންފުޅުގެ ނަތީޖާއެއް ކަމަށާއި މި މަސައްކަތަކީ ގަވާއިދުތަކާއި އުސޫލުތަކަށް ބަދަލުތައް ގެނެސް، ކުރެވުނު ވަރަށް ބޮޑު، ބުރަ މަސައްކަތެއް ކަމަށެވެ.




