ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މާލެ ސިޓީގެ މަގުތައް ސާފުކުރުމުގެ މަސައްކަތް ފެށުމަށް މާލެ ސިޓީ ކައުންސިލާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން އެއްބަސްވެއްޖެއެވެ.
މި ނިންމުން ނިންމާފައިވަނީ ދެ ފަރާތުގެ މެދުގައި ބޭއްވުނު މަޝްވަރާ ބައްދަލުވުމަކަށް ފަހުގައެވެ.
މި މަސައްކަތުގެ ދަށުން މަގުމަތީގައި އުކާލާފައި ހުންނަ ކުނިތައް ނަގައި، މަގުތައް ސާފުކުރުމަށް ވަނީ ރޭވިފައެވެ. މި ޚާއްޞަ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް މަހުގެ 15 ވަނަ ދުވަހުއެވެ.
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވި ގޮތުގައި، ރަމަޟާން މަހަކީ އާންމުން އަޅުކަމުގައި އުޅޭ މުހިންމު މަހަކަށް ވާތީ، މާލޭގެ މަގުތަކާއި ގޯޅިތަކާއި ހުސްބިންތަކާއި އަދި ޕާކުތައް ސާފުތާހިރުކޮށް ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި މަގުތައް ރީތިކޮށް ބެހެއްޓުމަށް ކައުންސިލުން މަސައްކަތް ކުރަމުން ގެންދާނެ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.
މި މަސައްކަތުގެ ތެރޭގައި މަގުތަކަށް އުކާފައި ހުންނަ ކުންޏާއި ބޭނުމެއް ނެތް ވެހިކަލްތައް ނެގުމާއި އަދި މަގުތަކުގެ ކާނުތައް ސާފުކުރުން ހިމެނެއެވެ. މީގެ އިތުރުން، މާލެ ސިޓީ ސާފުތާހިރުކޮށް ބެހެއްޓުމަށްޓަކައި ސިޓީ ކައުންސިލުގެ ކޮމިއުނިޓީ ޔުނިޓުން ވަނީ ޚާއްޞަ ޓާސްކްފޯހެއްވެސް އެކުލަވާލާފައެވެ.
ރަމަޟާން މަހަކީ އާންމު މަސްމަހާ އަޅާބަލާއިރު ކުނިބުނި އިތުރުވާ މަހަކަށްވާތީ، މަގުމައްޗަށް ކުނި ނޭޅުމަށާއި މާލެ ސާފުކޮށް ބެހެއްޓުމަށް ކުރެވޭ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.



