މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ކުރިއަށްގެންދާ ލޭންޑްމާކް ޑިޒައިން މުބާރާތުގައި ބައިވެރިވުމަށް އަލުން ފުރުސަތު ހުޅުވާލައިފިއެވެ.
އެމްއެމްޕީއާރްސީއިން ހާމަކޮށްފައިވާ ގޮތުގައި މި ފުރުސަތު އިތުރުކޮށްފައިވަނީ ގިނަ ފަރާތްތަކަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.
އެމްއެމްޕީއާރްސީން މަޢުލޫމާތު ދީފައިވާ ގޮތުގައި، މިމުބާރާތާ ގުޅޭ އިތުރު ތަފްސީލުތައް ހިއްސާކުރުމަށް ފެބްރުއަރީ 17 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި އޮންލައިންކޮށް އަދި ސީދާ ހާޒިރުވެގެންވެސް ބައިވެރިވެވޭނެއެވެ.
މި މުބާރާތުގެ މަޤްޞަދަކީ ރާއްޖޭގެ މުއްސަނދި ތަރިކައާއި، ސަގާފަތާއި، ގުދުރަތީ ރީތިކަން ދައްކުވައިދޭ ފަރުމާތަކެއް ހޯދުން ކަމަށް އެމްއެމްޕީއާރްސީން ބުނެފައިވެއެވެ. މުބާރާތުން ހޮވޭ ފަރުމާތައް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓާއި މާލެ ސިޓީއާއި ކަނޑުއަޑީގެ ސަރަހައްދުތަކުގައި ބެހެއްޓުމަށް ވަނީ ރޭވިފައެވެ.
ލޭންޑްމާކް ޑިޒައިންތައް ހުށަހެޅުމުގެ ސުންގަޑިއަކީ ފެބްރުއަރީ 28 ވަނަ ދުވަހުގެ ހަވީރު 6:00 އެވެ. އަދި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ރަޖިސްޓަރކުރުމުގެ ސުންގަޑިއަކީ ފެބްރުއަރީ 15 ވަނަ ދުވަހުގެ ހަވީރު 6:00 ކަމަށް އެމްއެމްޕީއާރްސީއިން ބުނެފައިވެއެވެ.



