މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފަށާފައިވާ ސީ-ޓު-އެއާ ކާގޯ ޚިދުމަތް މެދުވެރިކޮށް މިހާތަނަށް 1078 ޓަނަށްވުރެ ގިނަ މުދާ އުފުލާފައިވާ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދީފިއެވެ.
އެމްޕީއެލްއިން ހާމަކުރި ގޮތުގައި މި ޚިދުމަތް މެދުވެރިކޮށް މިހާތަނަށް އުފުލާފައިވާ މުދަލުގެ ޖުމްލަ އަދަދަކީ 258 ޓީއީޔޫ (ޓްވެންޓީ ފޫޓް އިކުއިވެލެންޓް ޔުނިޓް) އެވެ.
މިއީ ކަނޑާއި ވައިގެ ދަތުރުފަތުރު އެއްކޮށްލައިގެން ދެވޭ ޚިދުމަތެއްގެ ގޮތުގައި ފެށުނު މި ޚިދުމަތުން ވަރަށް ބޮޑު ކުރިއެރުމެއް ކަމަށްވެސް އެ އެމްޕީއެލްއިން ފާހަގަކޮށްފައިވެއެވެ.
މިދިޔަ އަހަރުގެ މެއި މަހު ފެށުނު މި ޚިދުމަތުގައި މިހާތަނަށް ބޭރުގެ 13 އެއަރލައިނަކުން ބައިވެރިވެފައިވާއިރު، މި ޚިދުމަތަކީ އެމްޕީއެލްއާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގުޅިގެން ފަށާފައިވާ ޚިދުމަތެކެވެ.




