ކުރިއަށް އޮތް ރަމަޟާން މަހު މޮރޮކޯގައި ދީނީ ތަޤުރީރެއް ދެއްވުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދަށް ދައުވަތު އަރުވައިފިއެވެ.
މޮރޮކޯގެ ނަން ރެސިޑެންޓް ސަފީރު މުޙައްމަދު މަލިކީ ވަނީ މިއަދު އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި މިއަދު ބައްދަލުކުރައްވައި އެ ޤައުމުގެ ސަރުކާރުން ފޮނުއްވި ދަޢުވަތު މިނިސްޓަރު ޝަހީމް އާއި ޙަވާލު ކުރައްވާފައެވެ.
މިބައްދަލުވުމުގައި ޝަހީމް ވަނީ މޮރޮކޯގެ ސަފީރު އެމަނިކުފާނާއި ބައްދަލުކުރެއްވިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި ދީނީ ރޮނގުން ރާއްޖެއާއި މޮރޮކޯއާއި ގުޅިގެން ކުރިއަށް ގެންދެވިދާނެކަންކަމާއި ގުޅޭ ގޮތުން ވަނީ މިބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައެވެ.
ހަމައެއާއިއެކު، ރާއްޖޭގެ އިމާމުން ތަމްރީން ކުރެއްވުމަށް އެވުޒާރާއިން ކުރަމުން އަންނަ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާ ކުރައްވާ މޮރޮކޯއިން އިމާމުން ތަމްރީންކުރުމަށް ހުރި އެކި ފުރުސަތުތަކާއި ގުޅޭ ގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.
މޮރޮކޯގެ ރަސްގެފާނު މުހައްމަދު ހަވަނަގެ ބެއްލެވުމުގެ ދަށުން ބާއްވާ ’ހަސަނީ ފިލާވަޅު‘ އަކީ މޮރޮކޯގެ އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ މަތީ އިސްލާމީ ހަރަކާތެވެ. ރަމަޟާން މަސް އިޙުޔާކޮށް ދިރުވުމުގެ ގޮތުން ކުރިއަށް ގެންދާ ’ހަސަނީ ފިލާވަޅު‘ ސެޝަންތަކުގައި އިސްލާމީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އިލްމުވެރިން ބައިވެރިވެ ތަގުރީރު ކުރައްވައެވެ.



