ތ. އަތޮޅު ތިމަރަފުށްޓަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން އެރަށުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފްއިން ހާމަކޮށްފައިވާ ގޮތުގައި ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ތިމަރަފުށްޓަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވެގެން އެހީތެރިކަން ފޯރުކޮށްދިނުމުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން ދަނީ އެރަށުގައި ހަރަކާތްތެރިވަމުންނެވެ.
ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މޫސުން ގޯސްވެފައިވާއިރު، މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ތ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް މިރޭ 12 އާއި ހަމައަށް ހުދު ސަމާލު ނެރެފައެވެ.
މޫސުމާބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި މި ދުވަސްވަރު ބޯކޮށް ވާރޭވެހި، ގުގުރައި އަދި ވިއްސާރަވެރި މޫސުމެއް ކުރިމަތިވާނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށްވެސް އެ އިދާރާއިން ވަނީ އަންދާޒާކޮށްފައެވެ.



