ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި މިހާރު ހަގީގީ ރައްޔިތުންގެ ބޭންކެއްގެ ސިފަ ޖަހާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވެފައިވަނީ އުތުރަށް ކުރައްވަމުންދާ ދަތުރުފުޅުގައި ހއ. މުރައިދޫގައި ބީއެމްއެލްގެ އޭޓީއެމްއެއް ބެހެއްޓުމަށް ނިންމުމާ ގުޅިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް ބެހެއްޓުމަށް ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވައުދު ފުއްދުމަށް ބީއެމްއެލުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ބީއެމްއެލްގެ ބޯޑަށް ބަދަލުތަކެއް ގެނެވުނީ ސަރުކާރު ވައްޓާލުމުގެ ރޭވުމެއްގެ ތުހުމަތު އުފެދުނު ދަނޑިވަޅެއްގައެވެ. މި ކަމާ ގުޅިގެން، ބޭންކުގެ ކުރީގެ ސީއީއޯ ކާލް ސްޓުމްކަ އޭނާގެ މަޤާމުން އިސްތިއުފާ ދިނެވެ. މީގެ އިތުރުން، ބޭންކުގެ ބޯޑަށް އައު ބަދަލުތަކެއް ގެނެވި، އަހުމަދު އަލީ ހަބީބު ބޯޑުގެ ޗެއާޕާސަނަކަށް އައްޔަންކުރެވުނެވެ. އަދި މުހައްމަދު ޝަރީފު ބޭންކުގެ އައު ސީއީއޯ އަކަށް ހަމަޖެއްސުނެވެ.
ބީއެމްއެލްއިން ރުފިޔާ އެކައުންޓުތަކުން ބޭރުގެ މުޢާމަލާތްތައް ހުއްޓުވުމާއި، ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާމެދު ވާހަކަދެއްކުމާއި، އަދި ސޯޝަލް މީޑިއާގައި ސަރުކާރު ވައްޓާލުމަށް ގޮވާލުންތައް އިތުރުވެފައި، ހުރިހާ ކަމެއް ހިނގީ އެއް ދަނޑިވަޅެއްގައި ކަމަށްވުމުން، ސަރުކާރު ވައްޓާލުމުގެ ރޭވުމެއްގެ ތުހުމަތު އުފެދި، އެކަން ތަޙްޤީޤުކުރުމަށް ފުލުހުން ނިންމިއެވެ.



