ފިއްލަދޫ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ރަށުގެ އިސްވެރިންނާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މަޝްވަރާކުރައްވައިފިއެވެ.
މިއަދު މެންދުރު ފިއްލަދޫ ޞިއްޙީ މަރުކަޒު ކުރިއަށް ގެންދިޔަ މިބައްދަލުވުމުގައި ފިއްލަދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީ އަދި މުއައްސަސާތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ބައްދަލުވުމުގައި ފިއްލަދޫ ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންތައްތަކެއް ފާހަގަކުރައްވާފައެވެ. އޭގެ ތެރޭގައި ސްކޫލަށް ބޭނުންވާ 8 ކްލާސްރޫމާއި އިތުރު ވަސީލަތްތައް، ޞިއްޙީ މަރުކަޒުގެ ޖާގައިގެ ދަތިކަމާއި ލެބޯޓްރީއަށް ބޭނުންވާ ރިއޭޖެންޓްސް ލިބުމުގެ ދަތިކަން، އަލަށް އާބާދުވާ ސަރަޙައްދުގައި ކަރަންޓާއި ޔޫޓިލިޓީ ޚިދުމަތްތައް ޤާއިމުކުރުން، ކުނިކޮށްޓެއް އެޅުން، އަދި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމާއި މަގުތައް ޒަމާނީ ފެންވަރަށް ހެދުން ހިމެނެއެވެ.
ރައީސް ވަނީ ރަށުގެ މަގުތައް ހެދުމަށް ސްކޯޕް ކަނޑައެޅިގެންދިއުމުން މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެއްވުމުގެ މަޝްރޫޢު ގެންދެވޭނެ ގޮތެއް ނިންމަވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލާ ޙިއްޞާކުރައްވާފައިވެއެވެ.
އެގޮތުން، ޞިއްޙީ މަރުކަޒަށް ބޭނުންވާ މިންވަރަށް މުވައްޒަފުން ނުލިބޭ މައްސަލަ ހައްލު ކުރުމަށް ފިނޭންސް މިނިސްޓްރީއަށް ރިކުއެސްޓް ކޮށްގެން މަސައްކަތް ކުރައްވަމުންދާ ކަމަށާއި، ރިއޭޖެންޓްސް ލިބުމަށް ދިމާވެފައިވާ ދަތިކަން ހައްލުކުރުމަށް އެސް.ޓީ.އޯ އާއި ގުޅިގެން ވަރަށް ގާތުން މަސައްކަތް ކުރައްވަމުންދާކަން ވަޒީރުން ފާހަގަކުރެއްވިއެވެ.



