ހއ. އުތީމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް ޚިދުމަތް ޤާއިމުކުރުމަށް އުތީމު ކައުންސިލާއި ބީއެމްއެލް އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އުތީމު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިން މިއެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު އުތީމު ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދެވެ. އަދި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފެވެ.
މުޅި ރާއްޖެއަށް ބޭންކިން ޚިދުމަތްތައް ފުޅާކުރުމަށް މިސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އުތީމުގައި އޭޓީއެމް ބެހެއްޓުމަށް އެއްބަސްވެފައިވާއިރު، ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމެވެ.
މިމަސައްކަތުގެ ތެރެއިން މިހާރު ބީއެމްއެލްއިން ވަނީ ރާއްޖޭގެ 90 ރަށެއްގައި 150 އޭޓީއެމް ބަހައްޓައި ޚިދުމަތް ފޯރުކޮށްދޭން ފަށާފައެވެ. މީގެއިތުުރުން، އިތުރު 17 ރަށެއްގައި މިއަހަރުގެ މާރިޗު މަހުގެ ނިޔަލަށް އޭޓީއެމް ބެހެއްޓޭނެ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.


