ތިލަދުންމަތީ އުތުރުބުރިއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ހއ. ތަކަންދޫއަށް ވަޑައިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެރަށުގެ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީއާ، އަދި މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.
މަދަރުސަތުލް ޝަހީދު ޢަލީ ތަކުރުފާނުގައި ބޭއްވުނު މި ބައްދަލުވުމުގައި، ރައީސް ޑރ. މުޢިއްޒު ވަނީ ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން އެފަރާތްތަކާއި މަޝްވަރާކުރައްވާފައެވެ.
މިބައްދަލުވުމުގައި ކައުންސިލުން ވަނީ ރަށުގެ ރައްޔިތުން އެންމެ ބޭނުންވާ ކަންތައްތައް ރައީސް ޑރ. މުޢިއްޒު އާއި ހިއްސާކުރައްވާފައެވެ. މިގޮތުން، ރަށުގައި ހުރި އާސާރީ ތަންތަން ރައްކާތެރިކުރުމަށާއި، ފެނާއި ނަރުދަމާގެ ޚިދުމަތް އަވަހަށް ޤާއިމުކުރުމަށާއި، ރަށްގިރުމުގެ މައްސަލައަށް އަވަސް ޙައްލެއް ހޯދުމަށާއި، ބަނދަރުގެ މަޝްރޫޢު ފުރިހަމަކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ރަށަށް އާމްދަނީ ހޯދުމަށް ރަށުގެ އިޚްތިޞާޞްގައި ރަށެއް ހިމަނައިދެއްވުމަށާއި، ގެދޮރުވެރިކަމުގެ ކަންބޮޑުވުންތައްވެސް ކައުންސިލުން ހިއްސާކޮށްފައިވެއެވެ..
މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވަޢުދުފުޅުގައި ހިމެނޭ ކަންކަން ކޮށްދެއްވުމަށާއި ކައުންސިލުން ފާހަގަކުރެއްވި، ރައްޔިތުން އެދޭ ކަންކަން ކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިންވަނީ ތަކަންދޫގައި ހިންގާ މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.



