ރައްޔިތުން އެދޭގޮތަށް ހއ. ތަކަންދޫގެ ބަނދަރު ބޮޑުކުރުމުގެ ޢަމަލީ މަސައްކަތް މިއަހަރު ފަށްޓަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހއ އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ތަކަންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ވިދާޅުވީ ބަނދަރުގެ މަޝްރޫޢު ކުރިއަށް ގެންދަވާނީ ބަނދަރު އެއްކޮށް ނިމިގެންދާއިރު ރަށް ގިރުމުގެ މައްސަލައަށްވެސް ޙައްލެއް ލިބިގެންދާނެ ގޮތަށްކަމަށެވެ.
މީގެއިތުރުން، ތަކަންދޫއަކީ ދިވެހި ޤައުމުގެ ޤައުމިއްޔަތު ތަރައްޤީކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ރަށެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ޤައުމީ ވިސްނުމެއްގައި ސަމާލުކަންދޭންޖެހޭ ރަށެއްގެ ގޮތުގައި ސަރުކާރުގެ ސިޔާސަތުގައި ކަނޑައަޅާފައިވާ ރަށެއްކަމަށެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، އުތީމުގައި އިޢުލާންކުރެއްވި ޤައުމިއްޔަތު އިޢާދަކުރުމާއި ފުޅާކުރުމުގެ ޚާއްޞަ މަޝްރޫޢުގެ ތެރޭގައި ތަކަންދޫ އަދި ބާރަށް ހިމެނޭގޮތަށް އެ މަޝްރޫޢު ކުރިއަށްގެންދަން ނިންމާފައިވާކަމަށެވެ.
މީގެ އިތުރުން، ތަކަންދޫ ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި ލުއިފަސޭހަތައް ހޯދައިދިނުމަށް މި އަންނަ ރަމަޟާންމަހުގެ ކުރިން މަތިބިތުން ދަތުރުކުރާ އާރް.ޓީ.އެލް ފެރީ ތަކަންދޫއަށާއި މާރަންދޫއަށް މަޑުކޮށްފައި ދާގޮތަށް ހަމަޖެހިގެންދާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ކުރިން ރައީސް ވަނީ ތަކަންދޫގެ ކައުންސިލް އިދާރާގެ ބިންގާ އަޅުއްވައި، އަލަށް އިމާރާތްކޮށްފައިވާ ފުލުހުންގެ ޚިދުމަތްދޭ މަރުކަޒު ހުޅުއްވައިދެއްވާފައެވެ. އަދި މި ރަސްމިއްޔާތުގައި ބޭންކް އޮފް މޯލްޑިވްސްއިން ތަކަންދޫގައި އޭ.ޓީ.އެމް ބެހެއްޓުމުގެ މަސައްކަތް ވެސް ވަނީ ރަސްމީކޮށް ރަށު ކައުންސިލާ ހަވާލުކޮށްފައެވެ.


