މާލޭގެ މަގުތަކުގައި ހުންނަ ގަސްތައް ކޮށަނީ ރައްޔިތުން އެފަދައިން އެދޭތީ ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ހާމަކޮށްފިއެވެ.
ސިޓީ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، މަގުމަތީގައި ހުންނަ ގަސްތަކުގެ ގޮފިތައް ދިގުވެ، ބައެއް ޢިމާރާތްތަކަށް ގެއްލުން ލިބެމުންދާ ކަމުގެ ރިޕޯޓް އެކައުންސިލަށް ލިބޭ ކަމަށާއި މިފަދަ ގޮފިތަކުގެ ސަބަބުން ކުށްވެރިންނަށް ގެތަކަށް ވަދެވޭ މަގު ތަނަވަސްވާ ކަމަށްވެސް ރައްޔިތުން ފާހަގަކުރާ ކަމަށެވެ.
މީގެ އިތުރުން، ބައެއް މަގުތަކުގައި ހުންނަ ގަސްތަކުގެ ގޮފިތަކުގެ ސަބަބުން އުޅަނދުފަހަރަށާއި، ހާއްސަކޮށް ފަޔަރ ލޮރީއާއި އެމްބިއުލާންސްފަދަ ކުއްލި ނުރައްކަލުގެ ހިދުމަތްދޭ އުޅަނދުފަހަރަށް ދަތުރުކުރުމަށް ހުރަސްތަކެއް ކުރިމަތިވާ ކަމަށްވެސް ރައްޔިތުން ފާހަގަކުރާ ކަމަށް ކައުންސިލުން ހާމަކޮށްފައިވެއެވެ.
ކައުންސިލުން އިތުރަށް ބުނެފައިވަނީ، މިފަދަ ޝަކުވާތަކާ ގުޅިގެން ކަނޑަންޖެހޭ ގަސްތައް ކެނޑުމުގެ މަސައްކަތް، އާންމުންނަށް ދަތިނުވާނެ ގޮތަށް އެކި ވަގުތުތަކުގައި ކުރިއަށް ގެންދާ ކަމަެންދާ ކަމަށާއި މިއީ ކައުންސިލުން އަބަދުވެސް ކުރަމުން އަންނަ ކަމެއް ކަމަށާއި، ޝަކުވާ ލިބޭ މިންވަރަށް ބަލައި މި މަސައްކަތް ރާވައި ހިންގާ ކަމަށްވެސް ބުނެފައިވެއެވެ.
”ސިޓީ ކައުންސިލުން އަމިއްލައަށް އިސްނަގައިގެން އެއްވެސް ގަހެއް ކެނޑުމުގެ މަސައްކަތެއް ނުކުރަމެވެ. އެފަދަ މަސައްކަތެއް ކުރަން ޖެހެނީ ހަމައެކަނި ރައްޔިތުންގެ ފަރާތުން ހުށަހެޅޭ މައްސަލައެއް ނުވަތަ މުޖުތަމަޢުއަށް ދިމާވާ ދަތިތަކެއް ހައްލުކުރުމަށެވެ،“ ކައުންސިލުން ބުނެފައިވެއެވެ.




