ސަޢޫދީ ޢަރަބިއްޔާގެ ޝާހީ ޚާންދާނަށް ނިސްބަތްވެވަޑައިގަންނަވާ އަލްއަމީރު މުޙައްމަދު ބިން ފަހުދު އަލް ސަޢޫދު އަވަހާރަވުމާ ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސް މުޢިއްޒު ފޮނުއްވި މެސެޖުގައި، އަލްމަރުޙޫމް އަލްއަމީރު މުޙައްމަދުގެ އިޖުތިމާޢީ އަދި އިންސާނީ ޚިދުމަތްތަކަށް އަލިއަޅުވާލައްވާފައެވެ. ޚާއްޞަކޮށް، ޒުވާނުންގެ ކުރިއެރުމަށާއި، ޞިއްޙީ ޚިދުމަތުގެ ވަސީލަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދެއްވުމަށާއި، އަދި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް އަލްއަމީރު ކުރެއްވި މިންނެތް މަސައްކަތްތަކަށް ރައީސް ވަނީ ތަޢުރީފުކުރައްވާފައެވެ.
ރައީސް ގެމެސެޖުގައި، އަލްއަމީރު މުޙައްމަދު ބިން ފަހުދު އަލް ސަޢޫދުގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތްލެއްވުމަށާއި، މަރުޙޫމްގެ ފާފަ ފުއްސެވުމަށް އެދިވަޑައިގެންފައިވެއެވެ.
މީގެއިތުރުން، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނަށާއި، ޝާހީ ޢާއިލާއަށާއި، އެ ޤައުމުގެ ރައްޔިތުންނަށް މި ހިތާމަވެރި ދަނޑިވަޅުގައި ކެތްތެރިކަމާއި ހިތްވަރު މިންވަރުކޮށްދެއްވުމަށް އެދި ދުޢާ ދަންނަވާފައިވެއެވެ.




