ފަތުރުވެރިކަމާއި ދަނޑުވެރިކަމަށް ބޭނުންމަށް ދެރަށަކުން ބިން ކުއްޔަށް ދޫކުރުމަށް ރަތަފަންދޫ ކައުންސިލުން ހުޅުވާލައިފިއެވެ.
ރަތަފަންދޫ ކާއުންސިލުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ މި މަޝްރޫޢުގެ ދަށުން ކައުންސިލުން ޚާއްސަކޮށްފައިވާ ދެރަށެއްގައި ފަތުރުވެރިކަމާއި ދަނޑުވެރިކަމުގެ ބޭނުމަށް ބިންދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން، ކެރެއްދުވާ ގައި ސިޓީ ހޮޓަލެއް އެޅުމަށް 72،256 އަކަ މީޓަރުގެ ބިމަކާއި، ދަނޑުވެރިކަމުގެ ބޭނުމަށް 49،661 އަކަ މީޓަރުގެ ބިމެއް ދޫކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. އަދި ދޮނިގިއްލާއިން ޕޯލްޓްރީ ފާމަށާއި ދަނޑުވެރިކަމަށް 27،674 އަކަ މީޓަރުގެ ބިމެއް ވަނީ ކަނޑައަޅާފައެވެ.
މިއާއިއެކު، ރަތަފަންދޫ ކައުންސިލުން ވަނީ އިންވެސްޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) 8 ފެބްރުއަރީ 2025 ވާ ދުވަހުގެ 13:00 ކުރިން ހުށަހެޅުމަށް އެދިފައެވެ.
މީގެއިތުރުން، 17 ފެބްރުއަރީ 2025 ވާ ދުވަހުގެ 10:30 ގައި އޮންލައިންކޮށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބޭއްވޭނެ ކަމަށް ވެސް ކައުންސިލުން މަޢުލޫމާތު ދީފައިވެއެވެ.
ރަތަފަންދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި މަޝްރޫޢުގެ އަމާޒަކީ ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި، ކުކުޅު ގެންގުޅުމުގެ ދާއިރާއަށް އަމާޒުކޮށް، އިޤްތިޞާދީ ފުރުޞަތުތައް އުފެއްދުމާއެކު، އެ ސަރަޙައްދުގައި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ގެނައުމެވެ.



