ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އާ އިމާރާތުގެ ބިންގާ އަޅައިފިއެވެ.
ރައީސް ހއ. އަތޮޅަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މާރަންދޫގައި ބޭއްވުނު ޚާއްޞަ ޙަފްލާއެއްގައި މި އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވާއިރު، މި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ވަޒީރު އާދަމް ޝަރީފް އުމަރެވެ.
ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި މި ދައުރުގެ ތެރޭގައި ޙާލަތު ދަށްކޮށް ހުރި އެންމެހައި ރަށްރަށުގެ ކައުންސިލް އިދާރާތަކަށް އައު އިމާރާތްތައް ޤާއިމުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެވެ. އެގޮތުން ކައުންސިލްތަކުގެ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން 105 ރަށެއްގައި ކައުންސިލް އިމާރާތް އެޅުމަށް އިއުލާންކޮށްފައިވާއިރު، މި މަޝްރޫޢުތައް ނިމުމުން، 70 އިންސައްތަ ކައުންސިލްތަކުގެ ޖާގައިގެ މައްސަލައަށް ޙައްލު ލިބޭނެކަމަށް ސަރުކާރުން ބުނެފައިވެއެވެ.



