ހއ. އިހަވަންދޫގައި އަލަށް ގާއިމުކުރާ 474 މިލިއަން ރުފިޔާގެ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އަޅައިފިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހއ. އަތޮޅުގެ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މި މަރުކަޒުގެ ބިންގާ އަޅައިދެއްވާފައި ވަނީ މަސްވެރިކަމާއި ކަނޑުގެ މުއްސަނދިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.
އިހަވަންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މި މަރުކަޒުގެ މަސައްކަތް އަންނަ މެއިމަހުގެ ތެރޭގައި ފެށި، 18 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ރާވާފައިވާ ކަމަށެވެ.
މި މަޝްރޫޢަށް 474 މިލިއަން ރުފިޔާ ހޭދަވާނެކަން ހާމަކުރައްވާ ރައީސް ވިދާޅުވީ އޭގެތެރެއިން މަރުކަޒު އެޅުމަށް 416 މިލިއަން ރުފިޔާއާއި ބަނދަރު ހެދުމަށް 58 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށެވެ.
މިމަޝްރޫޢުގެ ބިންގާ އަޅައިދެއްވުމަށްފަހު ވަޒީރު ޝިޔާމް ވިދާޅުވީ މި މަރުކަޒަކީ އިހަވަންދޫއާއި ކައިރި ރަށްތަކުގެ މަސްވެރިންގެ ބޮޑު އުންމީދެއް ޙާސިލުވުމުގެ ފެށުން ކަމަށާއި މި މަރުކަޒާއެކު މަސްވެރިންނަށް ލުއިފަސޭހަތަކެއް ލިބި، އިހަވަންދޫގެ އިޤްތިޞާދަށް ކުރިއެރުން ލިބޭނެ ކަމަށެވެ.
އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އެހީގައި ކުރިއަށް ގެންދާ މިމަޝްރޫޢުގެ ދަށުން 1000 ޓަނުގެ ފިނިކުރާ ގުދަނަކާއި 50 ޓަނުގެ ބްރައިން ފްރީޒިންގ ވަސީލަތެއް ޤާއިމްކުރެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ. މީގެއިތުރުން އޮފީސް އިމާރާތަކާއި، އިންޖީނުގެއަކާއި، މަރާމާތުކުރާ ތަނަކާއި ގުދަނެއްވެސް ގާއިމު ކުރެވޭނެ ކަމަށާއި 130 މީޓަރުގެ ދިގު އެއްގަމު މަގަތުފާލަމަކާއި 3.5 މީޓަރުގެ ފުންމިނުގެ ބަނދަރެއްވެސް ހެދޭނެ ކަމަށް ބުނެފައިވެއެވެ.



