ހއ. އިހަވަންދޫގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓްކޮށް ދޫކުރުމާއި، ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ފަށައިފިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހއ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އިހަވަންދޫ މި ޚިދުމަތް އިފްތިތާޙުކޮށްދެއްވާފައި ވަނީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓު، ރައްޔިތުންނާ ގާތުން، އަވަހަށް ފޯރުކޮށްދިނުމުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް މިދިޔަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ފަށާފައިވާއިރު، ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ހއ. ދިއްދޫގައިވެސް އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ވަނީ ރަސްމީކޮށް ފަށާފައެވެ.
މީގެއިތުރުން، ސަރުކާރުން ވަނީ މިއަހަރުގެ ނިޔަލަށް ކޮންމެ ސިޓީއަކާއި އަތޮޅެއްގައިވެސް ކަނޑައެޅޭ ވަކި ސަރަޙައްދުތަކުގައި މި ޚިދުމަތްތައް ޤާއިމުކުރުމަށް ނިންމާފައެވެ.




