ގަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން އިންޑިއާގެ ދެ މީހަކު ރާއްޖެއިން ޑީޕޯޓްކުރުމަށް ނިންމައިފިއެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު މި ދެ މީހުންނަކީ 29 އަހަރުގެ އަކާހިލް ތަޕްރަވަން އާއި 44 އަހަރުގެ އަމްދާ ޕަންޑިއަން އެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ދެ މީހުން މިހާރު ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މިމަހު 28 ވަނަ ދުވަހު ހިނގި އޮޕަރޭޝަނެއްގައި ތުހުމަތުކުރެވޭ މީހުންނާ ގުޅުންހުރި ކަމަށް ބެލެވޭ ތަނެއް ބަލައި ފާސްކުރިއިރު، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި ބާލިދީއެއް ވަނީ ފެނިފައެވެ.
މިއޮޕަރޭޝަނަކީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.



