ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އުލިގަމު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި އެހެނިހެން މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.
މިއަދު މެންދުރު ހއ. އުލިގަމު ކައުންސިލް އިދާރާގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި އުލިގަމަށް ދިމާވެފައިވާ ދަތިތަކާއި ރަށުގެ އެންމެ މުހިންމު ކަންކަމާއި ބެހޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ.
މިބައްދަލުވުމުގައި އުލިގަމު ކައުންސިލުން ވަނީ، އުލިގަމަށް އާ ޞިއްޙީ މަރުކަޒެއް ބޭނުންވާކަމާއި، ކުނި ނައްތާލުމުގައި ދިމާވެފައިވާ ގޮންޖެހުންތަކަށް ޙައްލެއް ހޯދުމަށްޓަކައި އާ ކުނިކޮށްޓެއް ޤާއިމުކުރުމަށް އެދިފައެވެ.
މީގެއިތުރުން، ރަށުގެ ބަނދަރުގެ މަސައްކަތް އަވަސްކޮށްދިނުމަށާއި، ޔޮޓު މެރީނާއެއް ތަރައްޤީކޮށްދިނުމަށާއި އުލިގަމު ސްކޫލުގެ އާ ޢިމާރާތުގެ މަސައްކަތާއި ސްކޫލަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ހަމަޖައްސައިދިނުމަށް ވެސް ކައުންސިލުން ވަނީ އެދިފައެވެ.
މިބައްދަލުވުމުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ކައުންސިލުން ހުށަހެޅުއްވި ކަންކަމަށް ޙައްލު ހޯދައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ސަރުކާރުގެ ވަޒީރުން ވަނީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި އެހެނިހެން މުއައްސަސާތަކުގެ އިސްވެރިން ފާޅުކުރެއްވި ކަންބޮޑުވުންތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރެއްވިއެވެ.



