ގައުމީ އެއާލައިން މޯލްޑިވިއަން އިން ކުޅުދުއްފުށި، ކާޑެއްދޫ އަދި އިފުރުއަށް އިތުރު ފްލައިޓްތަކެއް އަޅަން ނިންމައިފިއެވެ.
މިކަން ހާމަކޮށް މޯލްޑިވިއަންއިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ކުޅުދުއްފުށި، ކާޑެއްދޫ އަދި އިފުރުއަށް އިތުރު ފްލައިޓްތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ.
މި އިތުރު ފްލައިޓްތައް އަޅަން ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާގައެވެ. އެގޮތުން، ފެބްރުއަރީ 1 ވަނަ ދުވަހު މާލެއިން ކުޅުދުއްފުށްޓަށާއި ކުޅުދުއްފުށިން މާލެއަށް، އަދި މާލެއިން ކާޑެއްދޫއަށާއި ކާޑެއްދޫއިން މާލެއަށް އިތުރު ފްލައިޓްތަކެއް އަޅާނެއެވެ. މީގެ އިތުރުން، ފެބްރުއަރީ 5 ވަނަ ދުވަހު މާލެއިން އިފުރުއަށް އިތުރު ފްލައިޓެއް އަޅާނެ ކަމަށްވެސް މޯލްޑިވިއަންއިން ބުނެފައިވެއެވެ.
މި އިތުރު ފްލައިޓްތަކަށް ޓިކެޓް ވިއްކަން ފަށާފައިވާ ކަމަށް މޯލްޑިވިއަންއިން ހާމަކޮށްފައިވެއެވެ. އަދި މިއަދުން ފެށިގެން ޓިކެޓް ނެގެން ހުންނާނެ ކަމަށްވެސް ބުނެފައިވެއެވެ.
މޯލްޑިވިއަންއިން އަބަދުވެސް ސްކޫލް ޗުއްޓީއާއި، އީދު ފަދަ އާންމުން އެންމެ ގިނައިން އަތޮޅުތެރެއަށް ދަތުރުކުރާ ދުވަސްވަރު ބަލައި، އޮންނަ ޑިމާންޑާ އެއްވަރަށް ދަތުރުތައް ހަމަޖައްސަމުން އަންނަ ކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ދަތުރުތައް ހަމަޖައްސާއިރު ފަސިންޖަރުންނަށް ދަތުރުކުރަން ފަސޭހަވާނެ ގޮތަށް ދަތުރުތައް ތާވަލުކުރަމުން އަންނަކަންވެސް ފާހަގަކުރެވެއެވެ.
މޯލްޑިވިއަންއިން މިހާރު ޑޮމެސްޓިކް ދަތުރުތައް ކުރަމުން އަންނަނީ ޖުމްލަ 16 ރަށަކަށެވެ. އެއީ ދަރަވަންދޫ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ، ހަނިމާދޫ، ކާޑެއްދޫ، ކައްދޫ، ކޫއްޑޫ، ތިމަރަފުށި، އިފުރު، ކުޅުދުއްފުށި ސިޓީ، މާފަރު، ފުނަދޫ، މާވަރުލު، ހޯރަފުށި، މަޑިވަރު އަދި ފަރެސްމާތޮޑާއަށެވެ.




