އެސްޓިއޯގެ 2024 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރގެ ޖުމްލަ އާމްދަނީގެ ގޮތުގައި 3.8 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
އެސްޓިއޯއިން ހާމަކޮށްފައިވާ ގޮތުގައި މިއީ މީގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 7 އިންސައްތައިގެ ކުރިއެރުމެކެވެ މި ކުރިއެރުން އައިސްފައިވަނީ ކުންފުނިން ކުރަމުންގެންދާ ވިޔަފާރިތައް ރަނގަޅުވެ، އާމްދަނީ އިތުރުވެފައިވުމުގެ ސަބަބުން ކަމަށް އެސްޓިއޯއިން ބުނެފައިވެއެވެ.
މީގެއިތުރުން، ހަތަރުވަނަ ކުއާޓަރގެ ޖުމްލަ ފައިދާވެސް ވަނީ އިތުރުވެފައިވާާއިރު މިއީ ކުރީ ކުއާޓަރާ އަޅާބަލާއިރު 8 އިންސައްތައިގެ ކުރިއެރުމެކެވެ. އެގޮތުން ޖުމްލަ ފައިދާގެ ގޮތުގައި 637 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެސްޓީއޯ އިން ބުނެފައިވެއެެވެ.
ނަމަވެސް، 2024 ވަނަ އަހަރުގެ މުޅި އަހަރުގެ ނަތީޖާއަށް ބަލާއިރު، ކުންފުނީގެ ޖުމްލަ އާމްދަނީ ވަނީ ދަށްވެފައެވެ. އެގޮތުން 2024 ވަނަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 15 ބިލިއަން ރުފިޔާއެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 6 އިންސައްތައިގެ ދަށްވުމެކެވެ. މި ދަށްވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާ ގުޅިގެން، އެސްޓީއޯ އިން ތިން ފަހަރެއްގެ މަތިން ތެލުގެ އަގު ދަށްކުރުމާ ގުޅިގެން ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ ދަށްވެފައިވުން ކަމުގައި އެސްޓިއޯއިން މައުލޫމާތުދެއެވެ.
އާމްދަނީ ދަށްވުމާއެކު، 2024 ވަނަ އަހަރުގެ ޖުމްލަ ފައިދާވެސް ވަނީ ދަށްވެފައިވާއިރު ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވަނީ 2.4 ބިލިއަން ރުފިޔާއެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 12 އިންސައްތައިގެ ދަށްވުމެކެވެ.
އެސްޓީއޯ އިން އިތުރަށް ހާމަކުރި ގޮތުގައި، 2024 ވަނަ އަހަރު ކުންފުނީގެ ހިންގުމުގެ ޚަރަދު ވަނީ 8 އިންސައްތަ ދަށްކުރެވިފައެވެ. ނަމަވެސް ޖުމްލަ ފައިދާ ދަށްވުމާއެކު ހިންގުމުގެ ފައިދާވެސް ވަނީ ދަށްވެފައެވެ. އެގޮތުން ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވަނީ 1.1 ބިލިއަން ރުފިޔާއެވެ.
2024 ވަނަ އަހަރުގެ ޓެކްސްއަށް ކެނޑުމުގެ ކުރިން ސާފު ފައިދާއަކީ 812 މިލިއަން ރުފިޔާއެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 19 އިންސައްތައިގެ ދަށްވުމެކެވެ. ޓެކުހަށް ކެނޑުމަށްފަހު، 2024 ވަނަ އަހަރުގެ ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 717 މިލިއަން ރުފިޔާކަމަށް އެސްޓިއޯއިން މައުލޫމާތުދެއެވެ.



