ޤަޟާ ޤަދަރަށް އީމާންވާ މީހަކު އޭނާގެ ޙަޔާތް ހޭދަކުރަމުންދާނީ ހިތްހަމަޖެހުމާ އެކުގައި ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ޚުތުބާގައި ޤަޟާ ޤަދަރަށް އީމާންވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން، ބުނީ ޤަޟާ ޤަދަރަށް އީމާންވާ މީހަކީ ފިތުނައިގެ ސަބަބުން ގުޑުގުޑުއަޅައިގެން ނުދާނެ މީހެއް ކަމަށާއި ދަތި އުނދަގޫކަމެއް ދިމާވުމުން އެފަދަ މީހަކު ބަލިކަށިވެގެން ނުދާނެ ކަމަށެވެ.
”ހުރިހާ ކަމެއް މެދުވެރިވެގެންދަނީ މާތްﷲ ގެ އިލްމުފުޅާއި އެކަލާނގެ އިރާދަފުޅުންކަން އިއުތިގާދުކުރާ ބަޔަކު ބިރުގަނެ ހިތްނުތަވަސްވެ، މާޔޫސްވާކަށް ނުޖެހޭނެ. އަދި އެމީހަކަށް ދިމާވެފައިވާ ކަންކަމާއި މެދު ހިތާމަކޮށް ފުރާނައަށް ގެއްލުމެއް ނުދޭނެ،“ ޚުތުބާގައި ބުނެފައިވެއެވެ.
ޚުތުބާގައި ބުނީ ޤަޟާ ޤަދަރަށް ފުރިހަމައަށް އިމާންނުވާ ނަމަ އެމީހެއްގެ އިމާންކަން ފުރިހަމައެއް ނުވާނެ ކަމަށާއި ޤަޟާ ޤަދަރަށް އިމާންވުމަކީ އިމާންކަމުގެ ރުކުންތަކުގެ ތެރެއިން ހަވަނަ ރުކުންކަމަށާއި، އިމާންކަމުގެ ރުކުންތަކުގެ ތެރެއިން ރުކުނަކަށް އިންކާރުކޮށްފި މީހާ އިމާންވީ ކަމުގައެއް ނުވާނެ ކަމަށެވެ.
ޤަޟާ ޤަދަރަށް އީމާންވުމުގައި ހަތަރު ކަމަކަށް އީމާންވާންޖެހޭކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި ﷲ ސުބުޙާނަޙޫ ވަތަޢާލާ ހުރިހައި ކަމެއް ދެނެވޮޑިގެންވާކަމަށް އީމާންވުމާއި، ލަވްހުލް މަޙްފޫޒުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ހުރިހައި ކަމެއް ލިޔުއްވާފައިވާކަމަށް އީމާންވުމާއި، ކޮންމެ ކަމެއްވެސް ހިނގަމުންދަނީ ﷲގެ އިރާދަފުޅުންކަމަށް އީމާންވުމާއި، އަދި ކައުނާއި ކައުނުގައި ވާހައި ތަކެއްޗެއް ހެއްދެވީ މާތްﷲ ކަމަށް އީމާންވުން ހިމެނެއެވެ.
ޚުތުބާ ނިންމާލަމުން، އަހަރެމެންނަށް ދިމާވާ މުސީބާތްތަކުގައި، އަހަރެމެންގެ އެންމެ ވަރުގަދަ ހަތިޔާރަކަށް ވާންޖެހޭ ޤަޟާ ޤަދަރަށް އިމާންވުމާއި ކެތްތެރިކަން އިސްކުރުން ކަމުގައި ބުނެފައިވެއެވެ.




