ޝަހީދުންގެ ހިތްވަރުގަދަކަމުން އިބުރަތް ލިބިގަނެ، ޤައުމަށް އުޖާލާ މުސްތަޤުބަލެއް ހޯދައިދިނުމަކީ އެންމެ މުހިންމު ޤައުމީ ވާޖިބު ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޝަހީދުންގެ ދުވަހާ ގުޅުވައިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ދިވެހީންގެ މިނިވަންކަމުގެ ޙައްގުގައި ޖިހާދު ކުރި ބަޠަލުންނާއި ޝަހީދުންގެ ހިތްވަރުން ނަމޫނާ ލިބިގަނެ، މި ވަޠަނަށް އުޖާލާ މާދަމާއެއް ހޯދައިދިނުމަށް ހިތްމަތް ކުރުމަކީ އަޅުގަނޑުމެންގެ އެންމެ އިސް ޤައުމީ ވާޖިބު ކަމަށެވެ.
ރައީސް ޑރ. މުޢިއްޒުގެ އިތުރުން ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފްވެސް ވަނީ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި މެސެޖެއް ފޮނުވާފައެވެ. އެމަނިކުފާނުގެ މެސެޖުގައި ޝަހީދުންގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރައްވާ ވަނީ މި ޤައުމުގެ ދިފާއުގައި ޝަހީދުވި އަބްޠާލުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރެއްވުމަށް ދުޢާ ކުރައްވާފައެވެ.
ޝަހީދުންގެ ދުވަސް ފާހަގަކުރަން ސަރުކާރުން ނިންމާފައިވަނީ ޕޯޗުގީޒުންނާ ދެކޮޅަށް ހަނގުރާމަކުރައްވައި ޝަހީދުވެވަޑައިގެންނެވި އައްސުލްޠާން ޢަލީ 6 ވަނަ (ޢަލީރަސްގެފާނު) ޝަހީދުވެވަޑައިގެންނެވި ދުވަހަށް ނިސްބަތްކޮށެވެ.
މި ދުވަހަކީ އިސްލާމްދީނާއި ދިވެހިންގެ މިނިވަންކަން ދިފާޢުކުރެއްވި ޤައުމީ ބަޠަލުންގެ ހަނދާން އާކުރުމަށް ފާހަގަކުރާ ދުވަހެކެވެ. ރާއްޖޭގައި ޝަހީދުންގެ ދުވަސް ފުރަތަމަ ފާހަގަކުރަން ފެށީ 1980 ވަނަ އަހަރުއެވެ.




