މާލޭގައި ސިނގިރޭޓު އުފައްދަމުންދާކަމަށް ޝައްކުކުރެވޭ ތަނެއް ބަލައި ފާސްކުރުމަށް ރޭ ހިންގި އޮޕަރޭޝަނުގައި 103 ފޮށިގަނޑު އަތުލައިގަނެފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ހެންވޭރު ސަރަހައްދުގައި ހުރި އަމިއްލަ އޮފީހެއްގައި ސިނގިރޭޓު އުފައްދަމުންދާކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހިންގުނު މި އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ ކާޑްބޯޑު ފޮށިގަނޑުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން މީޑިއާއަށް މައުލޫމާތުދީފައިވާ ގޮތުގައި އަތުލައިގަނެވުނު 103 ފޮށިގަނޑުގެ ތެރޭގައި ދުންފަތް ހުރި ފޮށިތައްވެސް ހިމެނެއެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް ވޭތުވެދިޔަ އަހަރު ގެނެވުނު އިސްލާހުގެ ދަށުން، ރާއްޖޭގައި ދުންފަތުގެ އެއްވެސް ބާވަތެއް އުފެއްދުމަކީ މަނާކަމެކެވެ. މީގެ އިތުރުން، ދުންފަތުގެ އިޝްތިހާރުކުރުމާއި، ދުންފަތުގެ ގަސް ހެއްދުމާއި، އަދި ދުންފަތް އެތެރެކުރުންވެސް ވަނީ މަނާކުރެވިފައެވެ.



