ބިދޭސީއެއް ބިދޭސީއެއްގެ އަތުން ފޭރުނު މައްސަލައެއްގައި ދެ ދިވެހިން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން މަޢުލޫމާތު ދެމުން ބުނެފައިވަނީ، އިއްޔެ ރޭ 2:12 ހާއިރު ގުލާބީ ގޯޅީގައި ދެ މީހަކު ވެގެން ބިދޭސީއެއްގެ އަތުން ފޭރުނު މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލައިގައި އެ ދެ މީހުން ބިދޭސީގެ އަތުން ފޭރިފައިވަނީ 33،500 ރުފިޔާއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ކ. މާލެ/ ހ. ރެދެން، ފަވާޒް ކަޅު ތުއްތު (36 އަހަރު) އާއި ތ. ތިމަރަފުށި/ ލަކީ ހައުސް، ސޮފްވާން (36 އަހަރު) އެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މިމީހުންގެ ބަންދާއިމެދު ގޮތެއް ކަނޑައެޅުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ2 މީހުންވެސް10 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ.
މިމައްސަލަ އާއި ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައިނުވާއިރު، ފުލުހުން ބުނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.



