ރާއްޖޭގެ ސިވިލް ރަޖިސްޓްރޭޝަން، ވައިޓަލް ސްޓެޓިސްޓިކްސް އަދި އައިޑެންޓިފިކޭޝަން (ސީވީއާރްވީއެސް އައިޑީ) މެނޭޖްމަންޓް ނިޒާމު އަލުން ފަރުމާކުރުމުގެ މަސައްކަތް ކޮންޓްރޯލް ޑޭޓާ ލިމިޓެޑާ ހަވާލުކޮށްފިއެވެ.
ވޯލްޑް ބޭންކުގެ ހިލޭ އެހީގެ ދަށުން، ހޯމް މިނިސްޓްރީން ކުރިއަށްގެންދާ ”ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވަސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓް“ ގެ ދަށުން ހިންގޭ މަޝްރޫޢު އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނައެވެ. އަދި ކޮންޓްރޯލް ޑޭޓާ (ތައިލެންޑް) ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ނާޓް ލިއުޗަރެއޮންއެވެ.
މި މަޝްރޫޢުގެ ދަށުން މައިގަނޑު ގޮތެއްގައި އަމާޒުކުރެވެނީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) ގެ އަސާސީ އައިޑެންޓިޓީ ނިޒާމު ހަރުދަނާކުރުމަށެވެ. މި ނިޒާމު ޤާއިމްކުރެވުމުން، އެންސީއައިޓީން ބަލަހައްޓާ އީފާސް ޑިޖިޓަލް އައިޑެންޓިޓީ ނިޒާމު ހިންގުމާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަދި ކައުންސިލްތަކުން ކުރާ އާބާދީ ބެލެހެއްޓުމުގެ މަސައްކަތްތަކާއި، ސިއްޙީ ދާއިރާއާއި ސްޓެޓިސްޓިކަލް ބިއުރޯއަށް ބޭނުންވާ މަޢުލޫމާތު ޑިޖިޓަލް ނިޒާމެއްގެ ތެރެއިން ފަސޭހައިން ލިބޭނެއެވެ.
ކޮންޓްރޯލް ޑޭޓާ (ތައިލެންޑް) ލިމިޓެޑަކީ ޑިޖިޓަލް ޓްރާންސްފޮމޭޝަން އަދި ބަޔޮމެޓްރިކް ދާއިރާގައި ޚާއްޞަވެފައިވާ ޓެކްނޮލޮޖީ ޙައްލުތައް ފޯރުކޮށްދޭ ކުންފުންޏެކެވެ. މި ކުންފުންޏަށް 1990 ވަނަ އަހަރު ވޮޝިންގްޓަންގެ ”ކޮމްޕިއުޓަރ ވޯލްޑް ސްމިތްސޯނިއަން އެވޯޑް“ ވެސް ލިބިފައިވެއެވެ.



