ސްކޫލު ދައުރުގައި އެކަށީގެންވާ ނަތީޖާ ނުހޯދާ ދަރިވަރުންނަށް އަމާޒުކޮށްގެން ޚާއްސަ ގައުމީ ހިދުމަތުގެ ޕްރޮގްރާމު ފެށުމަށްޓަކައި ޚާއްސަ ސެކްޝަނެއް އުފައްދައިފިއެވެ.
މި ސެކްޝަނަކީ ނޭޝަނަލް ސާވިސް ކޯޑިނޭޝަން ސެކްރެޓޭރިއެޓް ކަމަށްވާއިރު، މިހާރު މި ސެކްޝަނަށް ޑެޕިއުޓީ ޑިރެކްޓަރަކާއި އެސިސްޓެންޓް ޑިރެކްޓަރެއް ހޯދުމަށް ވަނީ އިޢުލާން ކޮށްފައެވެ.
މި ޕްރޮގްރާމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުސްވި އަހަރުގެ ނަސްރުގެ ދުވަހު އިޢުލާންކުރެއްވި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން، އުމުރުން 16 އަހަރުވެފައިވާ އަދި ރަނގަޅު ނަތީޖާ ނުލިބޭ ދަރިވަރުން ފުލުހުންގެ ޚިދުމަތާއި ސިފައިންގެ ޚިދުމަތުގައި ތަމްރީނުވާން ޖެހެއެވެ.
ޑެޕިއުޓީ ޑިރެކްޓަރުގެ މަޤާމަށް 15,918 ރުފިޔާގެ މުސާރައެއް ހަމަޖެހިފައިވާއިރު، އެސިސްޓެންޓް ޑިރެކްޓަރުގެ މަޤާމަށް 14,700 ރުފިޔާގެ މުސާރައެއް ކަނޑައަޅާފައިވެއެވެ. މި ދެ މަޤާމަށްވެސް ކުރިމަތިލާ ފަރާތްތަކުގައި ވަކި ޝަރުތުތަކެއް ފުރިހަމަވާންޖެހޭނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
ރައީސް މުޢިއްޒު ވިދާޅުވެފައިވާ ގޮތުގައި، ކޮންމެ އަހަރަކު 2000 އާއި 3000 އާ ދެމެދުގެ އަދަދެއްގެ ދަރިވަރުން އޯލެވެލްއިން ފާސްނުވެއެވެ. އަދި 500 އާއި 1000 އާ ދެމެދުގެ އަދަދެއްގެ ދަރިވަރުން އޭލެވެލް ނިންމުމަށްފަހު ޑިގްރީ ނުފަށައެވެ. މި ޕްރޮގްރާމުގެ ސަބަބުން މިފަދަ ދަރިވަރުންނަށް ރަނގަޅު ތަރުބިއްޔަތަކާއި މިލިޓަރީ ތަމްރީނު ލިބި، ކުރިއެރުން ލިބޭނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
މި ޕްރޮގްރާމަށް ކޮންމެ އަހަރަކު 400 މިލިއަން ރުފިޔާ އިތުރުކުރައްވާނެ ކަމަށް ރައީސް ވަނީ އިޢުލާންކުރައްވާފައެވެ. އަދި ހަތަރު އަހަރުގެ ތެރޭގައި ސިފައިންގެއަށް 1000 މީހުންނާއި ފުލުހުންގެ ޚިދުމަތަށް 1000 މީހުން ނެރުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.



