މޯލްޑިވްސް އިމިގްރޭޝަނުން އިއްޔެ މާލޭގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ފިލައިގެން އުޅުނު ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި މި އޮޕަރޭޝަނުގައި މާލޭގެ ދެ ތަނެއް ބަލައި ފާސްކުރެވުނެވެ.
އިމިގްރޭޝަނުން ބުނީ މި އޮޕަރޭޝަން ހިންގީ ”އިމިގްރޭޝަން ވޮޗް“ އަށް ލިބުނު މުހިންމު މަޢުލޫމާތަކާ ގުޅިގެން ކަމަށާއި މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ އިމިގްރޭޝަންގެ ޓާސްކު ފޯހުން ކަމަށް ވެސް އެ އިދާރާއިން ހާމަކުރިއެވެ.
ބަލައި ފާސްކުރެވުނު ދެ ތަނުގެ ތެރެއިން އެއް ތަނަކީ ކުރިން ބިދޭސީއަކު ފިލައިގެން އުޅޭކަމަށް ރިޕޯޓުކުރެވިފައިވާ ތަނެއް ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. އަދި މި އޮޕަރޭޝަނުގައި އެ ބިދޭސީ މީހާ ހައްޔަރުކޮށް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.
މާލެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން ފަށާފައިވާ ޚާއްޞަ އޮޕަރޭޝަންގެ ދަށުން މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން ހައްޔަރުކުރެވިފައިވެއެވެ. މި ގޮތުން މާލެ އާއި ހުޅުމާލެއިން ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ.
އިމިގްރޭޝަނުން ދޭ މަޢުލޫމާތުގައިވާ ގޮތުން، މިހާތަނަށް 5،000 އަށް ވުރެ ގިނަ ބިދޭސީން ޑިޕޯޓްކުރެވިފައިވެއެވެ. އަދި މި އޮޕަރޭޝަން ކުރިއަށް އޮތް ތަނުގައިވެސް ދެމިގެންދާނެ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.



