އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާ ގުޅުންހުރި ގަވާއިދުތަކަށް އިޞްލާޙު ގެނައުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށްޓާބެހޭ ވުޒާރާއިން ކޮންޓްރެކްޓަރުންގެ ޖަމްޢިއްޔާގެ މެންބަރުންނާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ.
މި ބައްދަލުވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނައިބު ވަޒީރު މުޙައްމަދު ޢިމްރާން ޙަސަނާއި މިނިސްޓްރީގެ ފަންނީ މާހިރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއީ އިމާރާތްކުރުމުގެ ދާއިރާގައި ޢަމަލީ މަސައްކަތްކުރާ ފަރާތްތަކާ ގުޅޭ ގަވާއިދަށް އިޞްލާޙު ގެނައުމަށްޓަކައި ކުރިއަށްގެންދާ މަޝްވަރާ ބައްދަލުވުންތަކުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެއްކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވެއެވެ.
ބައްދަލުވުމުގައި އިމާރާތްކުރުމުގެ ދާއިރާގައި ކުރިމަތިވާ ދަތިތަކާއި، ގަވާއިދަށް ބަދަލު ގެންނަންޖެހޭ ކަންކަމާ ގުޅޭގޮތުން ކޮންޓްރެކްޓަރުންގެ ޚިޔާލު ހޯދުނެވެ. މީގެ އިތުރުން، މި ދާއިރާ ކުރިއެރުވުމަށް އެޅިދުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ.
ކޮންޓްރެކްޓަރުންގެ ޖަމްޢިއްޔާއިން ފާހަގަކުރާ ގޮތުގައި މިފަދަ ބައްދަލުވުންތަކަކީ ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު އޮންނަ ގުޅުން ވަރުގަދަކޮށް، ދާއިރާގެ މައްސަލަތަކަށް ޙައްލު ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ.
ކޮންސްޓްރަކްޝަންއަކީ ދިވެހިރާއްޖޭގައި ތިންވަނައަށް އެންމެ ބޮޑު ޞިނާޢަތެވެ. ގިނަ ތަރައްޤީގެ މަޝްރޫޢުތަކެއް ރާއްޖޭގައި އެއްފަހަރާ ހިންގަމުންދާއިރު، މި ދާއިރާގެ އުސޫލުތަކާއި ގަވާއިދުތައް އަދި ޞިނާޢަތުގައި މަސައްކަތްކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދެއެވެ.


