ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހު އެސްޓޯނިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް 1.4 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށް ރައީސް އޮފީސް މިއަދު ބުނެފި އެވެ.
މިދިޔަ މަހުގެ 13 އިން 17 އަށް ރައީސް އެސްޓޯނިއާ އަށް ކުރެއްވި އެ ދަތުރުފުޅުގެ ހަރަދުޅުގެ ހަރަދުގެ ތަފުސީލު ރައީސް އޮފީހުން މިއަދު ވަނީ އާންމުކޮށްފަ އެވެ. ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި އެ ދަތުރުފުޅަށް ޖުމްލަ 1،371،069.18ރ. ވަނީހަރަދުވެފައެވެ.
ރައީސް އެސްޓޯނިއާއަށް ވަޑައިގަތީ އެ ގައުމުގެ ރައީސް ޑރ. އަލާރް ކަރިސްގެ ދައުވަތަކަށެވެ. މި ދަތުރުފުޅުގައި ރައީސް މުއިއްޒު އެސްޓޯނިއާގެ ރައީސާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ވަޒީރުންނާއި ޓާރްޓޫގެ މޭޔަރާއި ތައުލީމީ ދާއިރާގެ މަންދޫބުންނާއި އެހެނިހެން މުހިންމު މުއައްސަސާތަކުގެ އިސްވެރިންނާ އެކު މަޝްވަރާ ބައްދަލުވުންތައް ބޭއްވެވި އެވެ.
މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރެވޭނެ ގޮތްތަކާ ބެހޭގޮތުންނެވެ. އެސްޓޯނިއާގެ ސަރުކާރާއި އެ ގައުމުގެ މުއައްސަސާތަކުން ވަނީ ރާއްޖެއަށް އެއްބާރުލުން ދީ، ރާއްޖެއާ ގުޅިގެން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ތައްޔާރަށް އޮތްކަމުގެ ޔަގީންކަން ދީފަ އެވެ.
މި ދަތުރުފުޅުގައި އެސްޓޯނިއާގެ ސަރުކާރާއެކު ތިން އެމްއޯޔޫއެއްގައި ސޮއިކުރެވުނެވެ. މީގެ ތެރޭގައި މައުލޫމާތު ބަދަލުކުރުމާއި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ދާއިރާތަކުން އެއްބާރުލުން ދިނުމާއި، ދެ ގައުމުގެ މެދުގައި ޕޮލިޓިކަލް ކޮންސަލްޓޭޝަން ފެށުމާއި، ރާއްޖޭގެ ހޯމް މިނިސްޓްރީ އާއި އެސްޓޯނިއާގެ މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއާޒްއާ ދެމެދުގައި ވެވުނު އެއްބަސްވުން ހިމެނެއެވެ.
ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި، މި ދަތުރުފުޅުގެ ސަބަބުން ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ތަސައްވުރު ހަގީގަތަކަށް ހެދުމަށް ބޮޑު އެހީތެރިކަމެއް ވަނީ ލިބިފައެވެ.



