ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިރުޝާދުގެ ދަށުން ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ އިންޤިލާބީ ބަދަލަކަށް މައިގަނޑު އަސާސްތައް އެކަށައެޅުމަށް ނިންމަވައިފިއެވެ.
މި ނިންމެވުން ނިންމަވާފައި ވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއިން ހުށަހެޅުއްވި ކަރުދާހަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.
މި ބައްދަލުވުމުގައި، ރާއްޖޭގެ އުފެއްދުންތެރިކަމުގެ މިންގަނޑުގައި އައި.ސީ.ޓީ ދާއިރާގެ ޙިއްޞާ މަތިކޮށް، ޑިޖިޓަލް އިކޮނޮމީގެ މަންފާތައް ދިވެހިންނަށް ފޯރުކޮށްދިނުމަށާއި، ދިވެހިރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ދަތުރު އަވަސްކުރުމަށް ގިނަ ކަންތައްތަކެއް ކުރުމަށް ނިންމާފައިވެއެވެ.
މީގެ ތެރޭގައި، ޒަމާނީ ޤާނޫނުތައް ތަޢާރަފުކުރުމާއި، ސަރުކާރުގެ އިދާރާތަކުގެ މެދުގައި ޑޭޓާ ޙިއްސާކުރެވޭނެ ޕްލެޓްފޯމެއް ގާއިމުކުރުމާއި، އީ-ގަވަރންމަންޓްގެ ނިޒާމު ހަރުދަނާކުރުމަށް ސެންޓްރަލް ޕްލެޓްފޯމްތައް އެކަށައެޅުން ހިމެނެއެވެ. އަދި މީގެ އިތުރުން، ދައުލަތުގެ އިދާރާތަކުން ދޭ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމާއި، ނޭޝަނަލް ސޮވަރިންގ ކްލައުޑް ގާއިމުކުރުމާއި، އީ-ފާސް ތަރައްޤީކުރުން ފަދަ މުހިންމު ކަންތައްތައް ކުރުމަށްވެސް ނިންމާފައިވެއެވެ.
ހަމައެހެންމެ، ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް ފައްކާވެފައިވާ މަސައްކަތުގެ އާބާދީއެއް ބިނާކުރުމަށް ސްކޫލް ކަރިކިއުލަމްގައި ބަދމްގައި ބަދަލުތަކެއް ގެނައުމާއި، އައި.ސީ.ޓީ ޚިދުމަތްތައް ހޯދުމުގައި ދިވެހިންނަށް އިސްކަން ދިނުމާއި، ޓެކްނޯލޮޖީގެ ސިނާއަތުގައި އިނޮވޭޝަން ހަބެއް ޤާއިމްކުރުން ފަދަ ކަންކަން ކުރުމަށްވެސް ނިންމާފައިވެއެވެ.
މި ބައްދަލުވުމުގައި، މި ހުރިހާ ކަމެއް ކުރުމަށް ޓައިމްލައިންތައް ކަނޑައަޅުއްވައި، އެކިކަންކަން ޙާޞިލްކުރާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަން ފާހަގަކުރެވެއެވެ. މި ނިންމުންތަކަކީ ދިވެހިރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ދަތުރުގައި އިންޤިލާބީ ބަދަލެއް ގެނެސްދޭނެ ކަންކަންކަމަށް ބެލެވެއެވެ.




