ޤަވާއިދާއި ޚިލާފަށް ސަފާރީއަކަށް އަރުވާފައިވާ ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ހާަކޮށްފައިވާ ގޮތުގައި ބަނގުރާ އަތުލައިގަނެފައި ވަނީ ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ ޚާއްޞަ އޮޕަރޭޝަނެއްގައި، ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހު، އދ. މަހިބަދޫ ޕޮލިސް ސްޓޭޝަނާއި ޕޮލިސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
މި އޮޕަރޭޝަނުގެ ތެރެއިން ދިއްގަރު ފަޅާއި މަހިބަދޫ ސަރަޙައްދުގެ ކަނޑުމަތިން ދޯންޏަކާއި ސަފާރީއެއް ބަލައި ފާސްކޮށްފައިވާކަން ހާމަކޮށް ފުލުހުން ބުނީ ފާސްކުރުމުގެ ތެރެއިން 1794 ފުޅި ބަނގުރަލާއި 1680 ދަޅު ބަނގުރާ ފެނިފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ މިހާތަނަށް ކޮށްފައިވާ ތަހުގީގުން މި ތަކެއްޗަކީ ޤަވާޢިދާ އެއްގޮތަށް ބޮންޑެޑް ވެއަރހައުސްއިން ނެރެގެން ރިސޯޓަކަށް ގެންދިއުމަށް ތައްޔާރުކޮށްފައިވާ ތަކެއްޗެވެ. ނަމަވެސް މި ތަކެތި ސަފާރީއަށް އަރުވާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުންގެ ޚިދުމަތުން އިތުރަށް ވިދާޅުވީ މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި، މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.



