ރަށްރަށުގައި ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ބޭނުންވާ ފަންނީ މަޢުލޫމާތު އެކަށީގެންވާ ގޮތުގައި ލިބިފައި ނެތުމަކީ ތިމާވެއްޓާ ރައްޓެހި ދަނޑުވެރިކަމެއް ކުރުމަށް ހުރި އެންމެ ބޮޑު ހުރަހެއްކަމަށް ދަނޑުވެރިކަމާއި ދިރޭތަކެތީގެ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ”ކޮންފަރެންސް އޮން ކްލައިމެޓް ރިޒިލިއަންޓް އެގްރިކަލްޗަރ ފޯރ ފުޑް ސެކިއުރިޓީ“ ގެ ނަމުގައި ބޭއްވުނު ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ފާހަގަކުރެއްވީ، ޒަމާނީ އަދި ދެމެހެއްޓެނިވި ދަނޑުވެރިކަމެއް ރާއްޖޭގައި ކުރިއެރުވުމަށްޓަކައި މި ދާއިރާއަށް ޒުވާނުން ޝައުޤުވެރިކުރުވައި، ދާއިރާގައި ހަރަކާތްތެރިވާ ޒުވާނުންގެ އަދަދު އިތުރުކުރުން މުހިންމުކަމަށެވެ. އަދި ދަނޑުވެރިކަމުގެ ދާއިރާ ފުޅާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މި ދާއިރާ ކުރިއެރުވުމަށް ވަރަށް ގިނަ ގޮންޖެހުންތައް ހުރިކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ބޭނުންވާ ވަސީލަތްތައް ލިބުމުގެ ދަތިކަމާއި މާލީ އެހީ ހޯދުމުގެ ދަތިކަމާއި، ދަނޑުތަކުގައި ހައްދާ ތަކެތި އެއްތަނުން އަނެއް ތަނަށް ގެންދިއުމުގައި ދަތުރުފަތުރުގެ ދަތިކަމާއި، މާކެޓް ހޯދުމުގެ ދަތިކަން ހުރިކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ދަނޑުވެރިކަމުގެ ޒަމާނީ އައު ގޮތްތައް ހޯދައި، ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ ސިނާޢަތެއް ހޯދުމަށް، ޒުވާނުންގެ ބައިވެރިވުން މިހާރަށްވުރެ ބޮޑުތަނުން އިތުރުކުރަންޖެހޭ ކަމަށެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ދަނޑުވެރިކަމުން ރާއްޖޭގެ ޖީޑީޕީގެ 1.2 އިންސައްތަ ހިއްސާކޮށް ރާއްޖޭގައި 7600 ދަނޑުވެރިން ދަފްތަރުކޮށްފައިވާއިރު، އޭގެތެރެއިން ޒުވާނުންގެ ނިސްބަތަކީ 6.9 އިންސައްތައެވެ. އަދި ރާއްޖޭގައި ކާބޯތަކެތި އިމްޕޯޓްކުރާ ނިސްބަތް 90 އިންސައްތައަށް އަރާކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
މިއާއިއެކު މި ކޮންފަރެންސްގެ ސަބަބުން ރާއްޖޭގެ ދަނޑުވެރިކަމުގެ ހާލަތު މިހާރު އޮތްގޮތަށް ރިޢާޔަތްކުރެވި، މި ސިނާޢަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ދިރާސީ ނަޒަރަކުން އަލިއަޅުވާލުމަށް ފުރުޞަތު ލިބޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޮންފަރެންސަކީ ދަނޑުވެރިކަން ކުރުމުގައި ތިމާވެއްޓާ ރަށްޓެހި ގޮތްތައް އަށަގެންނެވުމާ ރާއްޖޭގައި ދަނޑުވެރިކަން ކުރުމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމާ ގުޅޭގޮތުން ދިރާސީ ނަޒަރަކުން މަޝްވަރާކުރުމަށް ބާއްވާ ކޮންފަރެންސެކެވެ.
މިކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ފަތުރުވެރިކަމާއި ތިމާވެށީގެ ވަޒީރު ޠާރިޤް އިބްރާހީމާއި، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކުގެ ވަޒީރު އަޙްމަދު ޝިޔާމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.


