ޑިސްއެބިލިޓީ ކައުންސިލް އޮފް މޯލްޑިވްސްގެ އައު ރައީސާގެ މަގާމަށް ފާތިމަތު އިބްރާހިމް އިންތިޚާބުވެއްޖެއެވެ.
ފާތުން އަކީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތެކެވެ. އަދި ރަލިމްޕިއަނެއްގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތަކަށް ވަކާލާތުކުރުމުގައި އެހީތެރިވެދޭ ފަރާތެކެވެ.
އޭނާ ވަނީ ޕެރިސް ޕެރަލިމްޕިކް ގޭމްސްގައި ރާއްޖެ ތަމްސީލުކޮށް ޤައުމީ ރެކޯޑެއް ޤާއިމުކޮށްފައެވެ. މީގެ އިތުރުން ދުބާއީގައި ބޭއްވުނު ފައްޒާ އިންޓަނޭޝަނަލް ޗެމްޕިއަންޝިޕާއި މަޑަގަސްކަރުގައި ބޭއްވުނު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވެސް ބައިވެރިވެ ކާމިޔާބީ ހޯދާފައިވެއެވެ.
ފާތިމަތު އިބްރާހިމްގެ އަގުހުރި ޚިދުމަތްތަކަށް އެތައް އެވޯޑެއް ލިބިފައިވެއެވެ. އޭގެ ތެރޭގައި ސްޕޯޓްސް ވިމެން އޮފް ދަ އިޔަރ އެވޯޑާއި، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ޚާއްޞަ އެވޯޑާއި، ރެހެންދި ނެޝަނަލް އެވޯޑާއި ރިވެލި ތަރި އެވޯޑު ހިމެނެއެވެ.
ޑިސްއެބިލިޓީ ކައުންސިލްގެ ރައީސާގެ މަގާމަށް ފާތުން ހޮވިފައިވާއިރު، މިއީ ކައުންސިލްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތެއް އެންމެ އިސް މަޤާމަށް ހޮވުނު ފަހަރެވެ.
ޑިސްއެބިލިޓީ ކައުންސިލްގެ އައު ރައީސާގެ ގޮތުގައި، ފާތިމަތު އިބްރާހިމްގެ އަމާޒަކީ ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުޞަތުތައް ލިބޭ މުޖުތަމަޢެއް ބިނާކުރުމަށް މަސައްކަތްކުރުމެވެ.


