ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނީ ޞިއްޙީ ޚިދުމަތްތައް ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.
ސުވިޓްޒަލޭންޑުގެ ޖެނީވާގައި ބޭއްވުނު ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ 156 ވަނަ އެގްޒެކެޓިވް ބޯޑުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ، ޞިއްޙީ ދާއިރާއިން ރާއްޖެއިން އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި މޫސުމީ ބަދަލުތަކާ ގުޅިފައިވާ ޞިއްޙީ ގޮންޖެހުންތަކަށް ޙައްލު ހޯދުމާއި، ޞިއްޙީ ޚިދުމަތް ހަމަހަމަކަމާއެކު ފޯރުކޮށްދިނުން ހިމެނޭ ކަމަށެވެ.
”ހެލްތު ފޯ އޯލް“ ގެ އަމާޒަށް ވާސިލުވުމަށްޓަކައި، އެއްވެސް ތަފާތުކުރުމެއް ނެތި، ހުރިހާ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ދިވެހި ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށްޓަކައި ޕްރައިމަރީ ހެލްތު ކެއަރ (ޕީއެޗްސީ) ހަރުދަނާކުރުމަށް ސަރުކާރުން އިސްކަންދޭ ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން، ތިމާވެށި ރައްކާތެރިކުރުމަށާއި ޞިއްޙީ ޚިދުމަތްތައް ރަނގަޅުކުރުމަށްޓަކައި، ކުރިމަގުގައި އިމާރާތްކުރެވޭ ހޮސްޕިޓަލްތަކަކީ ތިމާވެށްޓާ ރައްޓެހި، ޒަމާނީ ވަސީލަތްތަކާ އެކު ޤާއިމުކުރެވޭ ”ގްރީން ސްމާޓް ހޮސްޕިޓަލްތަކަކަށް“ ހެދުމަށް ރޭވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޒުވާނުން ދުންފަތުގެ އިސްތިޢުމާލުން ސަލާމަތްކުރުމަށާއި، ގައިންގަޔަށް ނާރާ ބަލިތަކާއި އެހެނިހެން ބަލިތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި، ދިވެހިރާއްޖޭގައި އިލެކްޓްރޯނިކް ސިނގިރޭޓް (އީ-ސިނގިރޭޓް) ގެ ބޭނުންކުރުން މަނާކުރެވިފައިވާކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.




