2025 ވަނަ އަހަރުގެ ޖެނުއަރީ މަހު ފުލުހުންނަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހެޅިފައި ވަނީ ވައްކަމުގެ މައްސަލަތައް ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ޖެނުއަރީ މަހު ޖުމްލަ 980 މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވެއެވެ. މިއީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު މަދު އަދަދެކެވެ. 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު 1199 މައްސަލައެއް ހުށަހެޅިފައިވާކަން ފާހަގަކުރެވެއެވެ.
ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހެޅިފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. މިގޮތުން 273 ވައްކަމުގެ މައްސަލަ ވަނީ ހުށަހެޅިފައެވެ. ދެވަނައަށް އެންމެ ގިނައިން ހުށަހެޅިފައި ވަނީ މަގުމަތީގެ އެކްސިޑެންޓްތަކުގެ މައްސަލަތަކެވެ. މިބާވަތުގެ 231 މައްސަލައެއް ވަނީ ހުށަހެޅިފައެވެ. ތިންވަނައަށް އެންމެ ގިނައިން ހުށަހެޅިފައި ވަނީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކެވެ. މިފަދަ 137 މައްސަލައެއް ވަނީ ހުށަހެޅިފައެވެ.
އެހެނިހެން މައްސަލަތަކުގެ ތެރޭގައި އެއްޗެހި ގެއްލިގެން ހުށަހެޅުނު 92 މައްސަލައާއި، އަނިޔާކުރުމުގެ 64 މައްސަލައާއި، މުދަލަށް ގެއްލުން ދިނުމުގެ 67 މައްސަލަ ހިމެނެއެވެ. މީގެ އިތުރުން މަކަރާއި ހީލަތުގެ 46 މައްސަލައާއި، ފޭރުމުގެ 27 މައްސަލައާއި، ޖިންސީ ގޯނާގެ 19 މައްސަލައާއި، ގެވެށި އަނިޔާގެ 13 މައްސަލައާއި، އަދި ފޯޖުކުރުމުގެ 11 މައްސަލަ ވަނީ ހުށަހެޅިފައެވެ.
ކުށްކުރުން މަދުކުރުމަށްޓަކައި އަތޮޅުތަކުގެ ފުލުސް މަރުކަޒުތަކުން ކައުންސިލްތަކާއި ގުޅިގެން އެކި ޕްރޮގްރާމްތައް ހިންގަމުންދެއެވެ. ޚާއްޞަކޮށް ވައްކަމުގެ މައްސަލަތައް މަދުކުރުމަށް ގޭގެއަށް ޒިޔާރަތްކޮށް ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދެއެވެ.




