ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރުގެ ތެރެއިން މާލެ ސަރަޙައްދަށް ކަނޑައެޅުނު މިންވަރު ބަހައި ނިމިއްޖެކަމަށް އިސްލާމީ ކަންތައްތަކާބެހޭ މިނިސްޓްރީން ހާމަކޮށްފިއެވެ.
ހިޖުރީ 1446 ވަނަ އަހަރަށް ދިވެހިންނަށް ބެހުމަށް ސަޢުދީ ސަރުކާރުން ފޮނުވި 50 ޓަނުގެ ކަދުރު ހުސްވި އަަހަރުގެ ޑިސެމްބަރު މަހު ރާއްޖެ ގެނެސްފައިވާއިރު އިސްލާމިކް މިނިސްޓްރީން ކަދުރު ބަހަން ފަށާފައި ވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެފައިވާ ގޮތުގައި ސަޢުދީން ފޮނުވި 50 ޓަނުގެ ކަދުރުގެ ތެރެއިން މާލެ ސަރަޙައްދަށް ކަނޑައެޅުނު އަދަދު މިހާރު ވަނީ ބަހައި ނިމިފައެވެ. އަދި މިއީ ރަމަޟާން މަސް ފެށުމުގެ ކުރިން ކަދުރު ބެހުމުގެ މަސައްކަތް ނިންމާލެވުނު ފުރަތަމަ ފަހަރު ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ސަޢުދީން ފޮނުވި ކަދުރުގެ ތެރޭގައި 25،000 ޕެކެޓު ހިމެނޭއިރު މިއަހަރު ލިބުނު ކަދުރުން ކޮންމެ 100 ގޭބިސީއަކަށް 25 ޕެކެޓު ކަދުރު ޖެހޭކަމަށާއި ސިޓީތަކާއި އަތޮޅުތަކުގެ ރަށްރަށުގައި ކަދުރު ބަހާނީ ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައިގަތުމަށް ހާޒިރުވާ ތަރުތީބުން، ކޮންމެ ގޭބިސީއަކަށް 1 ޕެކެޓު ކަދުރު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.
މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް އިސްލާމިކް ސެންޓަރުގައެވެ. އަތޮޅުތަކާއި ރަށްރަށުގައި ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށްދާނީ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް މެދުވެރިކޮށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.
މީގެ އިތުރުން، ރަމަޟާން މަހުގެ އިފްތާރު ޕްރޮގްރާމްތަކާއި ރޯދަވީއްލުމުގެ އިންތިޒާމު ހަމަޖައްސައިދޭ ޖަމްޢިއްޔާ ޖަމާޢަތްތަކަށްވެސް މިފަހަރު ކަދުރު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މިކަމަށް ޝައުޤުވެރިވާ ޖަމްޢިއްޔާ ޖަމާޢަތްތަކުން ނަން ނޯޓުކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރިން ވަނީ އިޢުލާނުކޮށްފައެވެ.



