ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމަކީ އެކުވެރިކަމުގެ މައްޗަށް ބިނާވެފައިވާ، ދެ ޤައުމު ޤަބޫލުކުރާ ހަމަތަކެއްގެ މަތިން އެއް ޤައުމު އަނެއް ޤައުމަށް ކުރާ އިހުތިރާމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ ސްރީލަންކާގެ 76 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކައަށާއި ބޮޑުވަޒީރު ޑޮކްޓަރ ހަރީނީ އަމަރަސޫރިޔާއަށް ފޮނުއްވި ތަހުނިޔާ ސިޓީފުޅުގައެވެ.
ރައީސްގެ ސިޓީފުޅުގައި، ސްރީލަންކާއަށް މިނިވަންކަން ހޯދުމުގެ ދަތުރުގައި އެ ޤައުމުގެ ކުރިއެރުމާއި ލާބައަށްޓަކައި ރައްޔިތުން ދެއްކި އަޒުމާއި ސާބިތުކަން ފާހަގަކުރައްވާފައިވެއެވެ. އަދި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ޒަމާންވީ ގާތް ގުޅުމާއި ދެޤައުމުން ހިއްސާކުރާ އެއްގޮތް ސަގާފީ މުޢާމަލާތްތައް އިތުރުވެ، ގާތް ސަރަހައްދީ ދެ ޤައުމުގެ ހައިސިއްޔަތުން އެއް ޤައުމު އަނެއް ޤައުމަށް ދިމާވާ ގޮންޖެހުންތަކާއި ދެޤައުމަށް ފައިދާހުރި ކަންކަމުގައި ގުޅިގެން މަސައްކަތްކުރާކަންވެސް ފާހަގަކުރައްވާފައިވެއެވެ.
މީގެއިތުރުން، ދެ ޤައުމަށް ކުރިމަތިވާ ގޮންޖެހުންތަކުގައި ގުޅިގެން މަސައްކަތް ކުރުމާއެކު އިޖުތިމާއީ އަދި އިޤްތިޞާދީ ކުރިއެރުމަށް ހުރި ފުރުޞަތުތައް ހޯދުމަށާއި ސަރަޙައްދީ ހަމަޖެހުމަށާއި ސުލްޙައާއި ލާބައަށް ދެ ޤައުމު ގުޅިގެން އެކުގައި މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން އޮތްކަމުގައިވެސް ރައީސް ވިދާޅުވެފައިވެއެވެ.
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ރައީސް ވަނީ އެމަނިކުފާނުގެ ރަސްމީ ”އެކްސް“ އެކައުންޓުންވެސް މެސެޖެއް ޙިއްސާކުރައްވާފައެވެ.



