ރައްޔިތުންނަށް ބޭސް ފޯރުކޮށްދިނުމުގައި ދިމާވެފައިވާ ދަތިތަކަށް ހައްލެއް ގެނެސްދިނުމަށް، އެސްޓީއޯއާއި މޯލްޑިވްސް ޑޮކްޓަރސް ޔޫނިއަން އަދި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން ގުޅިގެން މިއަދު މުހިންމު ނިންމުންތަކެއް ނިންމައިފިއެވެ.
މިކަމާ ގުޅިގެން އެސްޓީއޯ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ރައްޔިތުންނަށް ބޭސް ފޯރުކޮއްދިނުމުގައި ކުރިމަތިވެފައިވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކޮށް، އެކަމަށް ހައްލެއް ހޯދުމުގެ މަސައްކަތުގެ ތެރެއިން އެސްޓީއޯ އާއި، މޯލްޑިވްސް ޑޮކްޓަރސް ޔޫނިއަން އަދި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން ގުޅިގެން މިއަދު މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
މި މަޝްވަރާ ބައްދަލުވުން ބޭއްވުމުގެ މައިގަނޑު ބޭނުމަކީ އާންމު ރައްޔިތުންނަށް ބޭނުންވާ ބޭސްފަރުވާގެ ބާވަތްތައް ހޯދުމުގައި ދިމާވާ އުނދަގޫތަކާމެދު ހުރިހާ ފަރާތްތަކުން ފާހަގަކުރާ މައްސަލަތައް ހިއްސާކޮށް، އެކަންކަމަށް ދެމެހެއްޓެނިވި ހައްލެއް ހޯދައި، ފަސޭހަކަމާއެކު ބޭސް ލިބޭނެ ނިޒާމެއް ޤާއިމުކުރުން ކަމުގައި ވެސް އެސްޓީއޯ އިން ބުންޏެވެ.
މި ބައްދަލުވުމުގައި ނިންމުނު މުހިންމު ބައެއްކަންކަން:
° ބޭހާ ގުޅޭ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށްޓަކައި، އެސްޓީއޯ، އާސަންދަ، އެމްއެފްޑީއޭ، މޯލްޑިވްސް ޑޮކްޓަރސް ޔޫނިއަން އަދި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން ހިމެނޭގޮތަށް ހުރިހާ މުއައްސަސާއެއް ބައިވެރިވާ ޖޮއިންޓް ކޮމިޓީއެއް އުފެއްދުމަށް ވަނީ ނިންމާފައެވެ. މި ކޮމިޓީގެ ސަބަބުން ކަމާގުޅުންހުރި ހުރިހާ ފަރާތްތަކަށްވެސް ދިމާވާ ދަތިތަކާމެދު މަޝްވަރާކޮށް، އެކަށީގެންވާ/ރަނގަޅު މަޢުލޫމާތުގެ އަލީގައި އަވަސް ނިންމުންތައް ނިންމުމަށް މަގުފަހިވެގެންދާނެ ކަމުގައި އެސްޓީއޯ އިން ބުނެފައިވެއެވެ.
° އެސްޓީއޯއިން އެތެރެކުރާ އަދި އެސްޓީއޯ ފާމަސީތަކުގެ ސްޓޮކްގައި ހުރި ބޭސްތަކުގެ މަޢުލޫމާތު ވަގުތުން ބެލޭނެގޮތަށް، ޑޮކްޓަރުންނަށް ޚާއްޞަކޮށްގެން އޮންލައިން ޕްލެޓްފޯމްއެއް ގާއިމްކުރުމަށްވެސްވަނީ ނިންމާފައެވެ.



